ޚަބަރު

2 މަހެއްހާ ދުވަސްފަހުން ހުރިހާ ދަރިވަރުން ސްކޫލަށް


ކޯވިޑް-19އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ ހަފްތާގައި ބޮޑެތި ލުއިތަކެއް ދިނުމުން ސްކޫލްތައް ހުޅުވާ އަލުން ކިޔަވައިދޭންފަށައިފިއެވެ. މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސްކޫލްތައް ހުޅުވުމުގެ ހުއްދަ ދިންނަމަވެސް އެދުވަހު ގިނަ ސްކޫލްތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދީފައެއް ނުވެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށިއެވެ.
ކޯވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް މާލެ ސަރަހައްދުގައި ގްރޭޑް ހަޔަކުން ދަށުގެ ގްރޭޑުތަކަށް ސްކޫލްތަކަށް ހާޒިރުވެގެން ކިޔަވައިދީފައި ނުވެއެވެ. އެހެން ސަރަހައްދުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1ގައި ސްކޫލުތައް ހުޅުވައި ގްރޭޑް 1 އިން މަތީގެ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދިޔައެވެ. މިދިޔަ އަހަރު ސްކޫލްތަކަށް ގޮސްގެން ކިޔަވާދިނުން މެދުކަނޑާލާފައިވީ ދުވަސްތަކުގައިވެސް ދަރިވަރުންނަށް އޮންލައިންކޮށްނާއި ޓެލެކިލާސް މެދުވެރިކޮށްވަނީ ކިޔަވާދިނުން ކުރިއަށް ގެންގޮސްފައެވެ.

ކޯވިޑްގެ ހާލަތަށް ބެލުމަށްފަހު އެންމެ ފުރަތަމަ ގްރޭޑް އަށަކުން މަތީގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދެމުން ގެންދިޔައެވެ. އަދި އަނެއްކާވެސް މިއަހަރު މާލޭ ސަރަހައްދުގައި ކޯވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވުމުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި ބައެއް ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އެގޮތުން ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 6 އާއި ހަމައަށް ކިޔަވާ ދެމުން އައީ އޮންލައިންކޮށެވެ. ނަމަވެސް މިހާރު މިވަނީ ބޭބީ ނާސަރީން ފެށިގެން ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އަނެއްކާވެސް ފަށާފައެވެ.

ކޯވިޑް ކޭސްތައް މަދުވުމުން މިއަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަދުވަހުން ފެށިގެން ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވާދޭން ފެށިއެވެ. އެހެންނަމަވެސް މާލޭގައި ކޯވިޑް ކޭސްތައް އިތުރުވާން ފެށުމުން ސްކޫލްތައް ހުޅުވިތާ މަހެއް ނުވަނީސް ވަނީ ބަންދުކޮށްފައެވެ.

ސްކޫލްތައް ހުޅުވީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކުއެވެ. އެގޮތުން ދަރިވަރުންނާއި ޓީޗަރުން މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު، ގައިދުރުކަމަށް އިސްކަންދިނުމަށްޓަކާ ސްކޫލުތަކުގައި ވަނީ މާކުތައް ކުރަހާފައެވެ. އަދި އަތްދޮވެވޭނެ އިންތިޒާމާއި، ސެނިޓައިޒްކުރެވޭނެ އިންތިޒާމްވެސް ސްކޫލުތަކުގައި ހަމަޖައްސާފައިވެއެވެ. ހަމައެހެންމެ ދަރިވަރުންނާއި މުދައްރިސުން ސްކޫލަށް ވައްދަނީ ހަށިގަނޑުގެ ފިނިހޫނުމިންވެސް ބެލުމަށް ފަހުގައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ސްކޫލްތަކުގެ ދަރިވަރުން ސްކޫލްތަކަށް ނެރި ކިޔަވާދޭން ފެށުމަކީ އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވާ ގޮތެވެ. އަދި ސްކޫލްތަކަކީ ރައްކާތެރި މާހުލެއްގެ ގޮތުގައި ހައްދަވާނެކަމުގެ ޔަޤީންކަންވެސް އެޑިއުކޭޝަން މިނިސްޓަރ ވަނީ ދެއްވާފައެވެ. އެހެންނަމަވެސް ރާއްޖޭގައި ކޯވިޑް ނަމްބަރުތައް ވަރަށްބޮޑަށް ދަށުގައި ހުރުމަށްފަހު މި އަހަރާއި އެކު އެއަދަދުތައް ވަނީ އެތައް ގުނައެއް މައްޗަށް އަރާފައެވެ. އަދި ސަތޭކައިން މިއަދަދު ތިރި ނުވެ އެތައް ދުވަހެއްގައި ހުރުމަށްފަހު ކޭސްތަކުގެ އަދަދު ތިންސަތޭކައަށްވެސް އެރިއެވެ.

އެތައް ދުވަހެއް ވަންދެން ސްކޫލްތައް ބަންދުވެފައި އޮވުމާއި ދަރިވަރުންނަށް އޮންލައިކޮށް ކިޔަވައިދިނުމަށް ނިންމުމާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށްވެސް ބަދަލުތަކެއް އައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ 2020 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށީ ޖެނުއަރީ މަހުއެވެ. އަދި މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުންފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގައެވެ. މީގެ އިތުރަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައިވަނީ ކޮންމެ އަހަރެއްގެ ދިރާސީ އައު އަހަރުގެ ކިޔެވުން އޯގަސްޓް މަހުގައި ފަށާގޮތަށެވެ.