ސިއްޙީ ހިދުމަތްދޭތަންތަން މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަޝްރޫއުގެ ދަށުން ތިން ރަށެއްގެ 4 ޕްރޮޖެކްޓެއްގައި މިއަދު ސޮއިކޮށްފިއެވެ.ހެލްތް މިނިސްޓްރީގައި ކުރިޔަށްގެންދިޔަ މިރަސްމިޔާތުގައި އެމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމެވެ. ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތައް އާބާތުރަ ފިލުވުމުގެ މަޝްއޫރުގެ ދަށުން ސަރުކާރުން ދަނީ ގިނަ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަމުންނެވެ.ސިއްޙީ ހިދުމަތްދޭ ތަންތަން އާބާތުރަ ފިލުވުމުގެ މަޝްރޫގެ ދަށުން ކޮންޓްރެކްޓަރުންނާ މަސައްކަތް ހަވާލު ކުރުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ސިއްހީ ހިދުމަތް ދޭ ތަންތަން މަރާމާތު ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި ނުވާކަމަށާއި ބާރު ސްޕީޑްގައި މަސައްކަތްތައް ކުރިޔަށްދާކަމަށެވެ. ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުފަދަ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ތިން ރަށަށް ނިސްބަތްވާ މަޖިލިސް މެންބަރުންވަނީ ވާހަކަދައްކާފައެވެ.މި ރަސްމިޔާތުގައި ސޮއިކުރެވިގެންދިޔަ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ފާހާނާތައް މަރާމާތު ކުރުމާއި އެމަރުކަޒުގެ ވޯޑް ނަމްބަރ 05 މަރާމާތުކުރުމުގެ އެއްބަސް ވުމުގައި ވަނީ ސޮއިކޮށްފައެެވެ.މިދެ ޕްރޮޖެކްޓަށް ގާތްގަނޑަކަށް ދެމިލިޔަނަށް ވުރެއް ގިނަ ރުފިޔާ ހަރަދުވާނޭކަމަށް ވަނީ ލަފާކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްޕީޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޑަށެވެ.ހއ އިހަވަންދޫ ސިއްޙީ މަރުކަޒުގައި ކުރަން ހުރި މަސައްކަތް ކުރުމަށް އެއްމިލިޔަން ހަތްދިހަ ހާހަށް ވުރެއް ގިނަ ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ޕްރޮޖެކްޓްގެ ދަށުން އިހަވަންދޫ ސިއްޙީ މަރުކަޒުގައި ނުނިމިހުރި މަސައްކަތް ކުރެވިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ފާހާނާތައް މަރާމާތު ކުރުމާއި އާއިމާރާތާއި މިހާރު ބޭނުން ކުރާ އިމާރާތް ގުޅާލުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން އިތުރު މަސައްކަތްތައް ހިމެނެއެވެ.މިމަސައްކަތުގެ އިތުރުން ގއ ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގެ އާއިމާރާތުގެ ފޭސް 1 ގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަވާލުކޮށްފައިވއެވެ. މަސައްކަތައް އެއްމިލިޔަށް ހަތަރުލައްކައަށް ވުރެއް ގިނަ ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ގއ ކަނޑުހުޅުދޫގައި އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.މި ފިޔަވަހީގައި ކުރެވިގެންދާނެ މަސައްކަތް ތަކުގެ ތެރޭގައި ފައުންޑޭޝަންގެ މަސައްކަތާއި ރޭނުމާއި ސިމެންތި ޖެހުމުގެ އިތުރުން ހިޔާކުރުމުގެ މަސައްކަތް ހިމެނެއެވެ.