ޚަބަރު

ހުސްވެފައިވާ ޕާކިން ޒޯންތަކުން 4 ފުރޮޅުލީ އުޅަނދުތަކަށް ޖާގަ ދޫކުރަނީ


ހަތަރު ފުރޮޅުލީ އުޅަނދުތައް ފީ ދައްކައިގެން ޕާކްކުރުމަށް ތަރަޤީކޮށްފައިވާ ޕާކިން ޒޯންތަކުން ހުސްވެފައިވާ ޖާގަތައް އަލުން ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި އަގު ނަގައިގެން ޕާކުކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ހަތަރު ފުރޮޅުލީ ވެހިކަލް ޕާރކިންގ ޒޯނުތަކުގައި އެކިއެކި ސަބަބުތަކާ ހުރެ ހުސްވެފައިވާ ސްލޮޓުތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ.

މި ޒޯންތަކުން ދޫކުރާ ޕާކިންގ ސްލޮޓެއްގެ އަގަކީ މަހަކު 3000 ރުފިޔާއެވެ. ސިޓީ ކައުންސިލުން ވިދާޅުވި މި ޒޯނުތަކުން ޖާގަ ދޫކުރާނީ ކާރާއި، 350 ކިލޯއަށްވުރެ މަތި ނޫން ޕިކަޕަށް ކަމަށެވެ. މި ޒޯންތަކުން ޕާކިންގ ސްލޮޓު ލިބެންހުރި އަދަދު ކައުންސިލުގެ ވެބްސައިޓްގައި އާއްމުކުރާނެކަމަށާއި ސްލޮޓަށް އެދެން ޖެހެނީ ކައުންސިލުގެ ވެބްސައިޓްގައި އެކަމަށް ޚާއްސަކޮށް ޤާއިމުކޮށްފައިވާ "ޕާރކިންގ" ޕޯޓަލް މެދުވެރިކޮށްކަމަށް ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ޕާރކިންގ ސްލޮޓަށް އެދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޖާގަ ހުސްވަންދެން ޖާގަ ކަށަވަރު ވަމުންދާނެކަމަށެވެ. އަދި ޕާކިންގ އުސޫލާ ޚިލާފަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްވާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުވާލާ ޕާކިންގ ސްލޮޓްތަކުން ޖާގަ ދޫކުރާނީ މާލޭ ސިޓީއަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށްކަމަށާއި ޖާގަ ދޫކުރާނީ އެފަހަރަކު ހުޅުވާލާ ޖާގަތައް ހުސްވަންދެންކަމަށްވެސް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި މިފުރުޞަތުގެ ދަށުން ލިބޭ ޕާކިންގް ސްލޮޓްގައި ޕާކް ކުރެވޭނީ އެ ސްލޮޓަކަށް ހަމަޖެހުނު އުޅަނދަށް އެކަނި ކަމަށާއި ބަދަލުގައި އެހެން އުޅަނދެއް ޕާކް ނުކުރެވޭނެކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޕާކިން ސްލޮޓްތަކަށް އެދި ހުށައަޅާއިރު ވެރިފަރާތް ނޫން އެހެންފަރާތަކުން ހުށަހަޅާނަމަ ޕަވަރ އޮފް އެޓަރނީގެ ލިޔުން ހުށަހެޅުން ނުވަތަ އެއްބަސްވުމުގެ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ. އަދި ރޯޑް ވާދިނަސްއާއި އަހަރީ ފީގެ ލިޔުންތައް ހުށަހެޅުމާއި، އިންޝުއަރެންސް ލިޔުންވެސް ހުށައަޅަންޖެހެއެވެ.

މާލޭގެ ބައެއް ސަރަޙައްދުތަކުން ވަކި ވަގުތަކަށް ޕާކްކުރަން ބޭނުންވާ ފަރާތްތަކަށް "ޓައިމް ޕާކިންގް" ސްލޮޓްތައް ހަމަޖެއްސުމަށްވެސް ސިޓީ ކައުންސިލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މާލޭ ސިޓީ ކައުންސިލުން މިހާތަނަށް ވަނީ 3 ސަރަޙައްދަކުން ފީ ދައްކައިގެން 4 ފުރޮޅުލީ އުޅނަދުތަކަށް ޕާކިންގ ޖާގަ ދޫކޮށްފައެވެ. އެއީ ދަންޑަހެލު ގޯއްޗާއި، އަލިމަސް ކާނިވާ ސަރަޙައްދާއި ސަލްމާން މިސްކިތް ސަރަޙައްދެވެ.

ސިޓީ ކައުންސިލުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކާރުތަކަށާއި ޚާއްސަކޮށް ސައިކަލުތަކަށް ޕާކުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުންނެވެ.