ވިޔަފާރި

އެންސިސްއިން މަސްވެރިންގެ ހަދިޔާ ދީފި


އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން 2016 ވަނަ އަހަރު ތާރަފްކޮށް، ކުރިއަށްގެންދާ "އެންސިސް މަސްވެރިންގެ ހަދިޔާ"ގެ 2020 ވަނަ އަހަރުގެ އިނާމް މަސްވެރިންނާއި ހަވާލުކޮށްފިއެވެ.

އެންސިސް މަސްވެރިންގެ ހަދިޔާއަކީ އެންމެ ގިނައިން އެކުންފުންޏަށް މަސް ކިރާފައިވާ މަސް ދޯންޏަށާއި އެންމެ ރަނގަޅު ކޮލިޓީގެ މަސް ކިރާފައި ދޯންޏަށް އެންސިސްއިން ދޭ އިނާމެކެވެ. މިފަހަރުގެ އިނާމް ހާސިލުކުރި ފަރާތްތަކަށް އެންސިސް ފިޝަރީޒްއިން ދެއްވާ ފައިސާގެ ރަމްޒީ އިނާމް ހަވާލުކޮށްދިނީ، މަސްވެރިކަމުގެ ސިނާއަތުގެ ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ އަދުނާން އަލީއެވެ.

މިރަސްމިއްޔާޔުގައި ވާހަކަދައްކަވަމުން އެންސިސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ވާހިދު ތައުފީގް ވިދާޅުވީ މި އިނާމަކީ ދިވެހި މަސްވެރިންގެ އަގު ވަޒަންކޮށް މަސްވެރިންނާ އިތުރަށް ހިތްވަރުދީ، އަދި އެކުންފުންޏާ މަސްވެރިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެމުން އަންނަ އިނާމެއްކަމަށެވެ. އަދި ކުރިއަށްއޮތްތާނގައި މި އިނާމް ކޮންމެ އަހަރަކުވެސް ދެމުން އަންނާނެކަމަށް ވާހިދު ވިދާޅުވިއެވެ.

އެންސިން ފިޝަރީޒްއިން މަސްވެރިންނަށް ދެއްވާ އިނާމުގެ ތެރެއިން އެންމެ ގިނައިން އެކުންފުންނަށް މަސް ކިރާފައިވާ ދޯނިތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަކަށް 20 ހާސް ރުފިޔާ، 2 ވަނައަށް 10 ހާސް ރުފިޔާ، 3 ވަނައަށް 7500 ރުފިޔާގެ އިނާމެއް އަންނަނީ ދެމުންނެވެ. މީގެއިތުރުން އެންމެ ރަނގަޅު ކޮލިޓީގެ މަސް އެންމެ ގިނަ އަދަދަކަށް އެކުންފުންޏަށް ކިރާ ދޯންޏަކަށް 10 ހާސް ރުފިޔާގެ އިނާމެއް ދެއެވެ.

އެންސިސް ފިޝަރީސް ކުންފުނި ވުޖޫދަށް އައީ 2002 ވަނަ އަހަރު ބޮޑު ކަންނެލި ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރުމުގެ ތެރެއިންނެވެ. އެއަށްފަހު އެކުންފުނިން ވަނީ 2006 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަސް ފެކްޓްރީއެއް ޤާއިމްކޮށްފައެވެ. އޭގެ ފަހުން "އެންޒީ" ގެ ނަމުގައި އަމިއްލަ މަސް ބްރޭންޑެއް ތަޢާރަފްކޮށް އެންސިސްއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ދަނީ މަސް އެކްސްޕޯޓުކުރަމުންނެވެ.