ޚަބަރު

އައްޑޫ ސިޓީ މީދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


އައްޑޫ ސިޓީ މީދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ ޝިފާޒް އަލީއާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްއާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.

ސ.މީދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19 އޮގަސްޓް 2020ގައެވެ. އަދި މިކަމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަމަހުގެ 25ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން 1848 މީޓަރުގެ ސަރަޙައްދުގެ ބިންގަނޑު އެއްވަރުކުރުމާއި، ބެޑް ތައްޔާރުކުރުމާއި، 210 މީޓަރު ސަރަޙައްދުގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީން މިހާރު ޒިންމާ ނަގައިގެން ކުރަމުންދާ މަސައްކަތްތަކަކީ، ޒަމާންތަކެއް ވަންދެން ރާއްޖޭގެ ރަށްރަށުގައި ނުކުރެވި ހުރި މުހިންމު މަސައްކަތްތަކެއްކަމަށެވެ. އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ހަވާލުކޮށްފައި ހުރި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމާ، ޚިދުމަތް ދިނުމަށްކަމަށެވެ. ސ.މީދޫގައި ކުރިއަށް ގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ، ރަށް ވަރަށް ބޮޑަށް ގިރަމުންދާތީ ގިރާ މައްސަލައަށް ވަގުތީގޮތުން ޙައްލު ގެނައުމަށް ކުރަމުންދާ މަސައްކަތެކެވެ.

"މިހާރުވެސް އެމްޓީސީސީން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ 4 މަޝްރޫއެއް ފަށައިގެން އެބަ ކުރިއަށްދޭ. އަދި އިތުރު 3 މަޝްރޫޢު ފެށުމަށް ދަނީ ތައްޔާރުވަމުން." އާދަމް އާޒިމް ވިދާޅުވިއެވެ.

ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަށް ފެށުމުގެ ރަސްމިއްޔާތުގައި އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މީދޫގެ ބިމުން ބޮޑު ބައެއް ގިރަމުންގޮސް ބިމުން ބޮޑު ބައެއް މިހާރު ގެއްލިފައިވާކަމަށެވެ. އެކި ސަރުކާރުތަކުގައި މި މައްސަލަ ސަމާލުކަމަށް ގެނައި ނަމަވެސް މިހާތަނަށްވެސް، އެއްވެސް ސަރުކާރެއްގައި މިކަމަށް ހައްލު ހޯދިފައި ނުވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ނަމަވެސް މިކަމަށް ދާއިމީ ހައްލެއް ގެނެވެންދެން، ގިރާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ނިންމީކަމަށާއި، މި މައްސަލައަށް ދާއިމީ ޙައްލެއް ލަސްނުކޮށް ހޯދައިދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

"ހުޅުދޫގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތެއް ކުރިން ގެންދިޔަ. ނަމަވެސް މީދުއާއި ހަމައަށް އައިސް އެ މަސައްކަތް ހުއްޓާލާފަ އޮތީ. ނަމަވެސް މި ސަރުކާރުގަ މި ފެންނަނީ ވަކި ރަށެއް ތަފާތު ނުކޮށް މަސައްކަތް ކުރިއަށްގެންދާތަން." ރޮޒައިނާ އާދަމް ވިދާޅުވިއެވެ.

މީދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ވަގުތީގޮތުން ކުރިއަށް ގެންދަނީ، ޖިއޯ ބޭގްސް ޖަހައިގެންނެވެ. މި މަސައްކަތް 45 ދުވަހުން ނިންމުމަށްވަނީ ހަމަޖެހިފައެވެ.