ޚަބަރު

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން މިއަދު ފަށައިފި


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން މިއަދު ފަށައިފިއެވެ. ދެވަނަ ޑޯޒް މިއަދުދެނީ ފެބްރުއަރީ 1 އިން 4 އާއި ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދެނީ މިހާރުވެސް ވެކްސިން ޖަހަމުންދާ މަރުކަޒުތަކުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ދެވަނަ ޑޯޒް ދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝަނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައެވެ. ވެކްސިން ޖަހަން ދާއިރު ވެކްސިން ކާޑު ގެންދިއުމަށް އެޗްޕީއޭއިންވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން އައި.ޑީ ކާޑް، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑް ގެންދިއުމަށްވެސް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ. ވެކްސިން ޖަހަންދާއިރު ހުންއައިސް، ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރި އަދި ކޯވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ ފަރާތެއް ނަމަ ވެކްސިން ނުދެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް- 19އިގެ ދިފާޢު ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ.

މިހާތަނަށް ރާއްޖޭގެ އާބާދީގެ ދެލައްކަ ސާޅީސް އެއް ހާސް އެއް ސަތޭކަ ހަތާވީސް މީހުން ވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި ބޮޑު އިންސައްތައެއް ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިންއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން މިއަދު ފަށާފައިވާއިރު ޗައިނާގެ ސިނޯފާމް ވެކްސިންވެސް މަރޗް 22 ވަނަ ދުވަހު ރާއްޖޭގައިވަނީ ދޭން ފަށާފައެވެ. ސިނޯފާމް ވެކްސިން މިހާތަނަށް ދޭން ފަށާފައިވަނީ މާލެ ސަރަޙައްދުގައި އެކަންޏެވެ. ސިނޯފާމް ވެކްސިން ފުރިހަމަކުރެވޭނީ ދެ ޑޯޒް ޖެހުމުންނެވެ. ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ފަހުންނެވެ.

ކޮވިޝީލްޑްއާއި ސިނޯފާމް ވެކްސިންގެ އިތުރުން ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފެށުމަށްވެސް ތައްޔާރުވެފައިވާ ކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ. ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނިކަމަށާއި، އެގޮތުން މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ޙާލަތްތަކުގެ މީހުންނަށްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.