ޚަބަރު

މި ނުވަމަސް ތެރޭގައި ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު!


މިއަހަރުގެ
ފުރަތަމަ ނުވަ މަސްދުވަހު ހުށަހެޅުނު މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ
އެމުއްދަތާއި އަޅާބަލާއިރު މަދުކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން
ހާމަކުރައްވައިފިއެވެ. 



މޯލްޑިވްސް ޕޮލިސް
ސަރވިސަސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ނުވަ
މަސްދުވަހު ސާދަހާސް އެއްސަތޭކަ ހަތްދިހަ ހަތް މައްސަލައެއް ފުލުހުންނަށް
ހުށަހެޅިފައިވާއިރު،  މިއަހަރުގެ
އެމުއްދަތުގައި ހުށަހެޅިފައިވަނީ ބާރަހާސް ހަތަރު ސަތޭކަ ފަންސާސް ފަސް
މައްސަލައެކެވެ.



ފުލުހުންނަށް
ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލަށް ބަލާލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ނުވަ
މަސްދުވަހު މާރާމާރީގެ އަށްސަތޭކަ ފަސް މައްސަލައެއް ފުލުހުންނަށް
ހުށަހެޅިފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުށަހެޅިފައިވަނީ ހަތްސަތޭކަ
ތެއްތިރީސް މައްސަލައެކެވެ.



މިދިޔަ އަހަރުގެ
ފުރަތަމަ 9 މަސްދުވަހު ވައްކަމުގެ 
ތިންހާސް ނުވަސަތޭކަ އަށްޑިހަ ހަތް މައްސަލައެއް ހުށަހެޅުނުއިރު،
މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ހުށަހަޅާފައިވަނީ ވައްކަމުގެ ތިންހާސް
އެއްސަތޭކަ ސާޅީސް ހަތަރު މައްސަލަކަމަށް ފުލުހުން މައުލޫމާތުދެއެވެ.



ފޭރުމުގެ ހަތަރު
ސަތޭކަ ފަސްދޮޅަސް ހަތް މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު،
މިއަހަރުގެ 
ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހުށަހެޅިފައިވަނީ ތިންސަތޭކަ އަށްޑިހަ އެއް  މައްސަލައެކެވެ. 



މިދިޔަ އަހަރު
މަސްތުވާތަކެތީގެ ދެހާސް ފަސްސަތޭކަ ވިހި މައްސަލަ ހުށަހެޅުނުއިރު، މިއަހަރުގެ
ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހުށަހަޅާފައިވަނީ ފަނަރަ ސަތޭކަ މައްސަލަކަމަށް
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 



މިދިޔަ
އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ފަސް ހާސް ތިން ސަތޭކަ ހަތްދިހަ މީހަކު
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ
ނިޔަލަށް ގެނެސްފައިވަނީ ހަތަރުހާސް ތިންސަތޭކަ ހަތްދިހަ ތިން މީހަކުކަމަށް
ފުލުހުން މައުލޫމާތުދެއެވެ.