ޚަބަރު

ކޮރަޕްޝަންގެ މައްސަލައެއްގައި 4 މީހެއްގެ މައްޗަށް ދައުވާ ކުރަނީ


ދެހާސް އެގާރަވަނަ އަހަރު ބ.އޭދަފުށީ މަލްޓި ޕާޕަސް އިމާރާތަށް ކަރަންޓް ލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފާ ވާކަމަށް ތުހުމަތުކުރެވޭތީ، އެކަން ތަހުގީގު ކުރުމަށްފަހު ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޮޕްޝަން ކޮމިޝަނުން، ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވައިފިއެވެ. މި މައްސަލައިގައި ދައުވާ ކުުރުމަށް ފޮނުވާފައިވަނީ އޭދަފުށީ ކައުންސިލްގެ އޭރުގެ ރައީސް އާއި މަސައްކަތް އިވެލުއޭޓް ކުރި ކޮމިޓީގެ ތިން މެންބަރުންގެ މައްޗަށް ކަމަށް އޭ.ސީ.ސީން ބުނެއެވެ. މި މައްސަލަ ތަހުގީގު ކުުރުމުގެ ތެރޭގައި މައިގަނޑު ދެ ކަމެއް ފާހަގަކުރެވުުނު ކަމަށާއި، އެގޮތުން އޭރުގެ ކައުންސިލްގެ ރައީސްގެ އެއްބަނޑު އެއްބަފާ ބޭބެއަށް މަސައްކަތް ހޯދައިދިނުމަށް ގަވާއިދާއި ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަން ތަހުގީގުތަކަށް އެނގިފައިވާ ކަމަށް އޭ.ސީ.ސީން ބުނެއެވެ. އަދި މަސައްކަތް އިވެލުއޭޓް ކުރުމުގައި އޭރު ކޮމެޓީގައި ތިބި މެންބަރުން އަމަލުކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކަމަށް އެނގޭކަމަށްވެސް އޭ.ސީސީން ބުނެއެވެ.