ޚަބަރު

އީ-ފާހަށް އެދި ހުށަހެޅުމުގެ ފުރުސަތު ދިވެހި ޑިވެލޮޕަރުންނަށް ހުޅުވާލައިފި


ޑިޖިޓަލް ޚިދުމަތްތައް ޑިވެލޮޕްކުރާ ރާއްޖޭގެ ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ކުންފުނިތަކަށް އީ-ފާސް ބޭނުންކުރަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީން ވިދާޅުވީ ދިވެހި އެޕްލިކޭޝަންތަކާއި އޮންލައިން ވިޔަފާރިތައް ތަރައްޤީވެ ފުޅާވަމުންދާއިރު ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ހޯދާފަރާތްތަކަކީ ސައްޙަ ބައެއްކަން ކަށަވަރުކުރުމަކީ އޮންލައިން ވިޔަފާރިއަށް ރައްޔިތުންގެ އިތުބާރުލިބި އިތުރު އިޤްތިޞާދީ ޙަރަކާތްތަކަށް މަގުފަހިވެގެންދާނެ ކަމެއްކަމަށެވެ.

މިކަންކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ޑިޖިޓަލް އެޕްލިކޭޝަންތަކާއި އޮންލައިން ޚިދުމަތްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ ސިންގަލް ސައިން އޮން ސަރވިސް "އީ-ފާސް"، ޕްރައިވެޓް ސެކްޓަރގެ ދިވެހި ޑިޖިޓަލް ޚިދުމަތްތައް ލިބިގަތުމުގައި ބޭނުންކުރެވޭ ގޮތައް ހެދުމަށްޓަކައި އީ-ފާސް ބޭނުންކުރުމަށް ހުށަހެޅުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިފަދަ ޑިޖިޓަލް ޚިދުމަތްތައް ޑިވެލޮޕްކުރާ ދިވެހިރާއްޖޭގެ ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ކުންފުނިތަކުން އީ-ފާސް ޚިދުމަތް ބޭނުންކުރުމަށް އެދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް އެމިނިސްޓްރީ ގެ ދަށުން ހިނގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން އެދެއެވެ.

މި ހަރަކާތުގެ ބޭނުމަކީ، މި ޚިދުމަތް ޢާންމުކޮށް ހުޅުވާލުމުގެކުރިން، މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކާއެކު މިނިޒާމު ހިންގުމުގެ "ބީޓާ" ޓެސްޓިންގްއެއް ހެދުންކަމަށް އެ މިިނިސްޓްރީން ވިދާޅުވެއެވެ. މިކަމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން އަންނަ މެއި މަހުގެ 15ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.