ސަރުކާރު
ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީންކޮށްދޭނެ ފަރާތެއް
ހޯދަން ފިނޭންސް މިނިސްޓްރީން ދެވަނަ ފަހަރަށް އިއުލާންކޮށްފިއެވެ.
މިނިސްޓްރީން ވަނީ
މިކަމަށް ޝައުޤުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރު ފަރާތްތަކަށް ފުރުޞަތު
ހުޅުވާލާފައެވެ.
މީގެ ކުރިން ސަރުކާރު
ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުންނަކީ ގާބިލް ބަޔަކަށް ހެދުމަށް، ހިދުމަތުގައި
ތިބި ޓީޗަރުން ޑިގްރީ ފެންވަރަށް ގެންދިއުމަށް ކޯސްތައް ހިންގައިދޭނެ ފަރާތްތަކެއް
ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެފަހަރު
ޕްރޮޕޯސަލް ހުށަހެޅުމަށް މާ ކުރު މުއްދަތެއް ދިފައިވުމުން އޭސީސީން ވަނީ އެކަން
ހުއްޓުވާފައެވެ.
ސަރުކާރުގެ ސްކޫލްތަކުގައި
މަސައްކަތްކުރާ ޓީޗަރުންނަކީ ގާބިލް ބަޔަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ހިދުމަތުގައި
ތިބި ދެހާސް ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީންކުރުމަށް އެޑިޔުކޭޝަން
މިނިސްޓްރީން ބޭނުންވެއެވެ. މީގެ އިތުރުން މިއަހަރުގެ ނިޔަލަށް ޚިދުމަތުގައި ތިބި
މުދައްރިސުންގެ ތެރެއިން ދަށްވެގެން ޑިޕްލޮމާފެންވަރަށް ތަމްރީންވެފައި ނުވާ
މުދައްރިސުން ވަޒީފާއިން ވަކިވާނެކަމަށް އާ އޮނިގަނޑުގައިވެއެވެ.
މިއަހަރު އަމަލު ކުރަން
ފެށި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ދަށުން ހުރިހާ ޓީޗަރުންގެ ވެސް ޑިޕްލޮމާ އިން
ފެށިގެން މަތީގެ ސެޓްފިކެޓެއް އޮންނަން ޖެހެއެވެ. އަދި އެއަށް ވުރެ ދަށް ލެވެލްގެ ޓީޗަރުން
ޑިޕްލޮމާ ހެދުމަށް މި އަހަރުގެ ނިޔަލަށް މުހުލަތެއް ވަނީ ދީފައެވެ.