ޚަބަރު

ސްޓެލްކޯއިންވެސް އެއްފަހަރު ބޭނުންކޮށްފަ އުކާލާ ޕްލާސްޓިކާއި ދުރަށް


އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމާއި، ސްޓެލްކޯގައި ބޭނުންކުރާ ކަރުދާސް މަދުކުރުން ނުވަތަ ޕޭޕަރލެސް ޓްރާންސިޝަން މިއަދު އިފްތިތާހުކޮށްފިއެވެ.

މި ދެކަންތައްވެސް މިއަދު އިފްތިތާހުކޮށްދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބުދުލް ކަރީމްއެވެ. މިއާއެކު އެކުންފުނިން ހިންގަމުން ގެންދާ 35 އިންޖީނުގެއަކީ ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާތަންތަނަށް ވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ އެ ކުންފުނީގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި މުވައްޒަފުން ބައިވެރިކުރުމުގެ ގޮތުން ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅިއާއި، ފޮތި ދަބަސްވެސް ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއަޅާ ކުންފުނީގެ ހެޑް އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓްތަކާއި ހުރިހާ ފްލޯރތަކެއްގައި ވޯޓަރ ޑިސްޕެންސަރ ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުންކުރެވޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.

އަދި ކުންފުނީގެ ވިޔަފާރި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، ކުންފުންޏަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކުންވެސް ތިމާވެއްޓަށް ގެއްލުންދޭ ތަކެތި ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ކުރެވޭ ތަކެތި ބަހައްޓާލެވޭނެ އިންތިޒާމް މިހާރު ވަނީ ގާއިމް ކޮށްފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ޚިދުމަތުގެ ދިގު ތާރީޚުގައި ގިރާކުރި މުހިންމު ހަރުފަތަކަށް ކަމަށެވެ. މީގެ އިތުރުން ޒަމާނުއްސުރެ ތިމާވެއްޓާ އެހާ ރައްޓެހި ނޫން ގޮތަކަށް ކަންކަން ރޭވި ހިނގަމުންދާ ގޮތަކަށް އޮންނަ ކުންފުނި މިއަދުގެ ފަހުން ތިމާވެއްޓާ ރަށްޓެހި ނަމޫނާ ކުންފުންޏެއްގެ ގޮތުގައި މުޖުތަމައު ދެކިގެންދާނެ ކަމަށާއި، އަދި މިކަން ތައާރަފް މިކުރެވެނީ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ތެރޭން ކަމަށްވެސް މުޣުނީ ވިދާޅުވެއެވެ.

"އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކާ އެކީ އެއްފަހަރާ މުޅި ކުންފުނީގައި ފުޅާ ދާއިރާއެއްގައި ތަންފީޒު ކުރުވާ މިފަދަ ޕްރޮގްރާމެއް ފަށައިގަންނަ ފުރަތަމަ ކުންފުންޏަކަށް މިކުންފުނި ވެގެން ދާނެ. ހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް މިކުންފުނީގެ ބޭނުންތަކަށް 2800 ފެންފުޅި ގަނެ ބޭނުން ކުރޭ. މިއީ އަހަރަކަށް ބަލާނަމަ، 33 ހާސް ފުޅި ފެން ތިމާވެއްޓަށް ގެންލުންދޭ ގޮތުގައި ނައްތާލާ. މިކަން ތަކުރާރުކޮށް ކޮށް ތިބެން އެހާ ފަސޭހައެއްނޫން" މުޣުނީ ވިދާޅުވިއެވެ.

ޒަމާނުއްސުރެއް ކަރުދާސް ޕްރިންޓްކޮށްގެން ބޭނުން ކުރަމުން ދިޔަ ދިޔުން މިއަދު އިފްތިތާހު ކުރެވޭ ޕްރޮގްރާމްގެ ދަށުން މަދުވެ ޚަރަދު ކުޑަވެގެންދާނެ ކަމަށާއި، މިހާރު ބޭނުންކުރާ ކަރުދާހުގެ ނިސްބަތް 52 އިންސައްތައަށް މިހިނގާ 2021 ވަނަ އަހަރު ނިމޭއިރު ކުޑަކުރެވިގެންދާނެ ކަމަށް މުޢުނީ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ނޭޝަނަލް އިންޓަގްރިޓްރީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމް ވިދާޅުވީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް މިހާރު ޕްލާސްޓިކް ބޭނުންކުރަމުންދާ ކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ ފަދަ ބޮޑެތި ކުންފުނިތަކުން އިސްނެގުމަކީ ހެޔޮ ފާލެއް ކަމަށެވެ. އަދި އެހެން އިދާރާތަކާއި، ކުންފުނިތަކުންވެސް ސްޓެލްކޯއިން މި ދެއްކި ނަމޫނާ އާއި އެއްގޮތަށް ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރުވެ، ކަރުދާސް މަދުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.