ކުޅިވަރު

ޓީޓިގެ ބައިނަލަގްވާމީ ދެ މުބާރާތަކީވެސް ހާއްސަ ދެ މުބާރާތް - ސުޖާޢު


ރާއްޖޭގައި މިއަހަރު ބާއްވާ ބައިނަލްއަގްވާމީ ދެ މުބާރާތްކަމަށްވާ ކޮމަންވެލްތު ޔޫތު ޓުއަރ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕަކީ ރާއްޖެއަށް ވަރަށް ހާއްސަ ދެ މުބާރާތެއްކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެފިއެވެ.

މިދެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބި، ދެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިގައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތުގައި ބައިވެރިވުމަކީވެސް މިމުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ލިބިގެންދިޔަ ފުރުސަތެއްކަމަށެވެ. ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މުބާރާތަކީ މީގެ ކުރިން ރާއްޖޭގައި ބައްވާފައިވާ މުބާރާތަކަށް ވުމުން މިމުބާރާތް ރާއްޖޭގެ ކުޅުންތެރިންނަށް އާ ނުވާނެކަމަށާއި މިމުބާރާތުގައި ބައިވެރިވާނީ މިސަރަހައްދުގެ ޓީމުތަކަށްކަމަށްވެސް ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަސްގަނޑުގައި މިދެ މުބާރާތް އޮތުމުގެ ސަބަބުން މުބާރާތުގެ ފޯރި އިތުރުވެގެން ދިއުމުގެ އިތުރުން ކޮމަންވެލްތު ޔޫތު ޓުއަރ ޓީޓީ މުބާރާތަކީ މުޅިން އަލަށް ބާއްވާ މުބާރާތަކަށް ވުމުން، މިއީ ރާއްޖޭގެ ކުޅުންތެރިންނަށްވެސް ވަރަށް އާ މުބާރާތަކަށް ވާނެކަމަށް ސުޖާޢު ވިދާޅުވިއެވެ.

ސާކަށް ނިސްބަތްވާ ފަސް ގައުމް ކޮމަމްވެލްތުގައި ހިމެނޭއިރު، މިސަރަހައްދުން ބޭރުން އިތުރު ޓީމުތަކެއްވެސް ކޮމަންވެލްތު ޔޫތު ޓުއަރ ޓީޓީ މުބާރާތުގައި ބައިވެރިވާނެއެވެ. އިތުރު ހަތް ޓީމާއި ޖުމްލަ 12 ޓީމު މި މުބާރާތުގައި ވާދަކުރާނެ ކަމަށްވެސް ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވިއެވެ.

މި ދެމުބާރާތައް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުންވަނީ ސީނިއަރ އަދި ޖޫނިއަރ ޓީމްތަކުގެ ކޯޗަކަށް ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ހަމަޖައްސާފައެވެ. ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްއަކީ ވަރަށް ތަޖްރިބާކާރު ކޯޗެކެވެ. އެންމެ ފަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުވަނީ 3 ރަން މެޑަލް ހޯދާފައެވެ.