ވިޔަފާރި

މަންޓާ އެއަރގެ ސީޕްލޭން ފްލީޓަށް އިތުރު ބޯޓެއް


މަންޓާ އެއަރގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ސީޕްލޭނެއް ރާއްޖެ ގެނެސްފިއެވެ.

މަންޓާ އެއަރއިން މިފަހަރު ގެނައި ސީޕްލޭންއަކީ ޑީ.އެޗް.ސީ 6 ޓްވިން އޮޓަރ މަރުކާގެ ބޯޓެކެވެ. މިއީ މަންޓާ އެއަރ އޮޕަރޭޝަނަށް ގެނައި 8 ވަނަ ސީ ޕްލޭންއެވެ.

މި ބޯޓު ރާއްޖެ އައިސްފައިވަނީ ކެނެޑާގެ ކަލްގަރީ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ. މި ސީޕްލޭން ރާއްޖެއަށް އައިސްފައިވަނީ ކެނެޑާއިން ފުރައިގެން 5 ދުވަހުގެ ދަތުރަކަށްފަހުއެވެ. މަންޓާ އެއަރއިން ގެނައި އައު ސީޕްލޭން މިމަހުގެ ތެރޭގައި ޚިދުމަތައް ނެރެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ. މި ބޯޓަކީ 15 މީހުންގެ ޖާގައިގެ ބޯޓެއްކަމަށް މަންޓާ އެއަރއިން ބުނެއެވެ.

މަންޓާ އެއަރއިން މިގެނައި ސީޕްލޭންއާއެކު އެއަރލައިންގެ ފްލީޓުގައި ހިމެނޭ މަތިންދާ ބޯޓުތަކުގެ އަދަދުވަނީ 11 އަށް އަރާފައެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އޭޓީއާރު 72-600 ގެ ތިން މަތިންދާ ބޯޓު މަންޓާ އެއަރގެ ފްލީޓުގައި އޮވެއެވެ.

މަންޓާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިންނެވެ. މަންޓާ އެއަރ އިން މިވަގުތު ޑޮމެސްޓިކް ދަތުރުތައް ކުރަމުން އަންނަނީ ދަރަވަންދޫ އެއަރޕޯޓަށާއި، ދ.އެއަރޕޯޓަށެވެ.