ޚަބަރު

ހުކުރު މިސްކިތް ހިމާޔަތް ކުރުމުގެ ޑޮކިއުމެންޓޭޝަން މަސައްކަތް ފަށައިފި


މާލޭ ހުކުރު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ މަސައްކަތްތެރިންނާއި، ސާމާނާއި ލަކުޑި ހޯދުމަށް މި ހަފްތާގެ ތެރޭގައި ޓެންޑަރއަށް ހުޅުވާލުމަށް ނިންމައިފިއެވެ. މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ޚާއްސަ ޓީމަކުންނެވެ. 2008 ވަނަ އަހަރު މި މިސްކިތް ވަނީ
ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައެވެ.

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވާ އެތަން ޙިމާޔަތްކުރުމަށް އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަސައްކަތްކުރުމަށް އެ މިސްކިތް ބަންދުކޮށްފައިވަނީ 2019 އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. ދުނިޔެއަށް ދިމާވި ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު މި މަޝްރޫއުގެ މަސައްކަތަށްވެސް ވަނީ އަސަރު ކޮށްފައެވެ. އެހެންނަމަވެސް މިދިޔަ މަހުގެ ތެރޭގައި އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭ.އެސް.އައި) ގެ ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ. އަދި މިސްކިތް ހިމާޔަތް ކުރުމަށާއި މަރާމާތުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ޑޮކިއުމެންޓޭޝަން ވަނީ ފެށިފައެވެ. އިންޑިއަން ހައިކޮމިޝަނުން ވިދާޅުވީ މިމަޝްރޫއުއަށް ބޭނުންވާ މަސައްކަތްތެރިންނާއި، ސާމާނު އަދި ލަކުޑި ހޯދުމަށް މި ހަފްތާގެތެރޭގައި ޓެންޑާރ އަށް ހުޅުވާލެވޭނެކަމަށެވެ. މިޓެންޑަރުގައި ދިވެހިރާއްޖެއާއި އިންޑިއާގެ ކުންފުނިތަކަށް ބައިވެރިވެވޭނެ ކަމަށް ހައިކޮމިޝަނުން ވިދާޅުވެއެވެ.

މި މަޝްރޫއުގައި ސްޓްރަކްޗަރަލް ކޮންޒަރވޭޝަން މަސައްކަތާއި، ކެމިކަލް ޕްރިޒަވޭޝަން މަސައްކަތް ހިމެނޭނެއެވެ. މީގެ ތެރޭގައި މިސްކިތުގެ ވަޑާންގަނޑާއި، ބީމްތަކާއި، ފުރާޅުތަކާއި، ޕްލާސްޓާ ވޯކް، ޑްރެއިންޖް، ސައިނެޖް މަރާމާތުކުރުމާއި، ލިޔެލާޖެހިފައިވާ ސަރަހައްދުތަކުގައި ކަތުރުފަނީގެ ސަބަބުން ލިބިފައިވާ ގެއްލުން ދެނެގަނެ އެކަށީގެންވާ ޓްރީޓްމެންޓް ދިނުން ހިމެނެއެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރޯދަ މަހުގެ އަޅުކަމަށް ހުރަސް ނޭޅޭނޭހެންނާއި، ވިއްސާރަ ދުވަސްވަރު އެކަށީގެންވާ މިންވަރަށް ސަމާލުވެގެންނެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ފަންނީ އަދި މާލީ އެހީއާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން 1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން މާލޭ ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނުމަށް އިންޑިއާއިން ހުށައަޅާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޖޫން 2019 ގައި ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ.

އޭ.އެސް.އައި އަކީ އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާސާރީ ތަރިކަތައް ހިމާޔަތްކޮށް މަރާމާތުކުރުމުގެ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ މުއައްސަސާއެކެވެ. އެގޮތުން ނިއު ދިއްލީގެ ޖަމާ މަސްޖިދް އާއި ކެމްބޯޑިއާގެ އެންގްކޯރް ވެޓް ކޮމްޕްލެކްސްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މާލޭގެ ރަމްޒީ ހިތް ކަމުގައިވާ ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމުގެ މަޝްރޫއުގެ މަސައްކަތް ދެ އަހަރުދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ.

ހުކުރު މިސްކިތަކީ ދިވެހިރާއްޖޭގައި ހުރި އެންމެ އާސާރީ އަދި އެންމެ ރީތި އެއް މިސްކިތެވެ. މި މިސްކިތް ބިނާކުރެވިފައިވަނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގައި 1658 ވަނަ އަހަރުގައެވެ. އަދި މިސްކިތް
އިމާރާތް ކުރުމަށް ބޭނުންކޮށްފައިވަނީ ހިރިގަލެވެ. އެގޮތުން މަސައްކަތުގެ މާހިރުން ވަނީ ސިމެންތި ނުވަތަ މޯޓާ އަދި ލައިމް ފަދަ އެއްވެސް އެއްޗެއް ބޭނުން ކުރުމެއް ނެތި، ހިރިގަލުގައި ބިންވަޅުނަގައި، އެއްގާ އަނެއްގަލާއި ގުޅުވައިގެން އިމާރާތްކޮށްފައެވެ.