ކުޅިވަރު

ވަރލްޑް ކަޕް ކޮލިފައިންގެ ގުރޫޕު އައިގެ އެއްވަނައަށް އިންގްލަންޑު


2022 ވަނަ އަހަރު ޤަތަރުގައި ބާއްވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް އައި ގައި އިންގްލަންޑާއި ޕޯލަންޑް ބައްދަލުކުރިމެޗް އިންގްލަންޑް ކާމިޔާބުކޮށްފިއެވެ. މިމެޗް އިންގްލަންޑް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފާރަތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އިންގްލަންޑުން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ނަމަވެސް ޕޯލަންޑުންވެސްވަނީ ރަނގަޅު ކުޅުމެއް މިމެޗްގައި ދައްކާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިންގްލަންޑްގެ ތަޖްރިބާކާރު ފޯވަޑް ހެރީ ކޭންއެވެ. މިއީ އޭނާ އިންގްލަންޑް ޓީމަށް ކާމިޔާބުކޮށްދިން 34 ވަނަ ލަނޑެވެ. މިމެޗްގައި ޕޯލަންޑުން އެއްވަރުކުރި ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހައިދިނީ ޔާކޫބް މޮޑަރއެވެ. އަދި އިންގްލަންޑް މިމެޗުން މޮޅުވި ލަނޑު މެޗް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ހެރީ މެގުއަރއެވެ. މިމެޗްގައި ޕޯލަންޑްގެ ތަޖްރިބާކާރު ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ އަނިޔާގެ ސަބަބުން ނުކުޅެއެވެ.

މިކާމިޔާބީއާއެކު އިންގްލަންޑް މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 9 ޕޮއިންޓްތާއެކު ގްރޫޕް އައި ގެ އެއްވަނައިގައެވެ. މިމެޗުން ބަލިވުމުން ޕޯލަންޑް މިހާރުވަނީ ގްރޫޕްގެ ހަތަރުވަނައަށް ވެއްޓިފައެވެ. މިގްރޫޕްގައި ހަންގޭރީ އާއި އެންޑޯރާ ބައްދަލުކުރިމެޗް 4 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ހަންގޭރީއެވެ. އަދި އަލްބޭނިއާ އާއި ސެން މަރީނޯ ބައްދަލުކުރިމެޗް 2 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ އަލްބޭނިއާއެވެ. މިގްރޫޕްގެ ދެވަނައިގާ 7 ޕޮއިންޓާއެކު ހަންގޭރީ އޮތް އިރު އަލްބޭނިއާ އުޅެނީ 6 ޕޮއިންޓާއެކު ތިންވަނައިގައެވެ.