ޚަބަރު

ކޯވިޑް-19 ދިފާޢު: މިއަދު ވެކްސިން ޖެހީ 2،034 މީހުން


ކޯވިޑް-19އިން ދިފާޢުވުމަށް އިތުރު 2،034 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 237،716 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު މާލެ ސަރަޙައްދުން 615 މީހުން ވަނީ ވެކްސިން ޖަހާފައެވެ. މިއާއެކު މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ މީހުންގެ ޢަދަދު ވަނީ 130،991އަށް އަރާފައެވެ. މީގެ އިތުރުން އަތޮޅުތަކުން އަލަށް ވެކްސިން ޖެހި 1،419 މީހުންނާއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޢަދަދު މިވަނީ 106،725އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަން ފަށާފައިވާއިރު، މާލެއާ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 8 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި 2 މޯބައިލް ޓީމް ހަރަކާތްތެރިވަމުން އަންނަނީ އަތޮޅުތަކުގެ 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުނެނެވެ. މާލޭގައި ވެކްސިން ޖަހައިދެމުން އަންނަ ތަންތަނުގެ ތެރޭގައި ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާއިމްކޮށްފައިވާ ސެންޓަރާއި، ޓްރީޓޮޕް ހޮސްޕިޓަލު ހިމެނެއެވެ.

މީގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00އިން މެންދުރުފަހު 15:00އާ ހަމައަށެވެ. ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެދުރު 12:00އާ ހަމައަށެވެ.

މީގެ އިތުރަށް ކޯވިޑް19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، އަންނަ ހޮނިހިރުދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ދޭން ފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މިހާރު ވަނީ ނިންމާފައެވެ.