ޚަބަރު

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި


މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ
ވިއްސާރަ ދުވަސް ވަރަކަށް ވެފައި އަދި މޫސުމާއި ބެހޭ އިދާރާއިން މުޅިރާއްޖެއަށް
މޫސުން ގޯސްވާނެ ކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް
ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.



މިދުވަސްވަރު ދަތުރުކުރައްވާ ނަމަ
މޫސުމާއި ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރު ރޭވުމަށް ޚާއްޞަ
ސަމާލުކަމެއް ދެއްވުމަށާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ
ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެބޮޑަށް ބަރުނުކުރެއްވުމަށްވެސް
އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ. 



އަދި ދަތުރު ކުރައްވާ ފަސިންޖަރުންނަށް
ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެވުމާއި ހުރިހާ އުޅަނދެއްގައިވެސް
ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް
އެމްއެންޑީއެފް ކޯސްޓްގާޑުން އެދިފައިވެއެވެ. 



މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ބުނީ، ރާއްޖޭގެ ބޮޑު
ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެ ކަމަށް
ލަފާކުރެވޭ ކަމަށާއި ކަނޑުތައް ދެކުނުގައި އާދައިގެ
ވަރަކަށް މަޑުވެފައި، އެހެން ހިސާބުތަކުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 



އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް
ސަމާލުކަން ދީގެން ދަތުރުކުރުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވެސް ވަނީ
އެދިފައެވެ.