ފެބްރުއަރީމަހު ޖެންޑަރ މިނިސްޓްރީއަށް 186 މައްސަލަ ހުށައަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެންމެ ގިނައިން ހުށައަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައްކަމަށެވެ.
ޖެންޑަރ މިނިސްޓްރީން ފެބްރުއަރީ މަހު ބަލާފައިވާ އެކި މައްސަލަތަކުގައި، ކުޑަކުދިންނާ ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ހިމެނެއެވެ. އެންމެ ގިނައިން ހުށައަޅާފައިވަނީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. މިބާވަތުގެ 25 މައްސަލަ ހިމެނެއެވެ.
ޖިންސީ ހާނިކައިގެ މައްސަލަތަތަކުގެ އިތުރަށް ޖިސްމާނީ ހާނިކައިގެ 21 މައްސަލަ، އިޙުމާލުވުމުގެ 17 މައްސަލަ، ނަފްސާނީ ހާނިކައިގެ 9 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 8 މައްސަލަ، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 8 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ އަދި އެހެންކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ ހިމެނެއެވެ.
މީގެއިތުރުން ކުޑަކުދިންގެ އަޙުލާގާ ގުޅޭ 4 މައްސަލައަކާއި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 10 މައްސަލަ ވަނީ ހުށައަޅާފައެވެ. އޭގެތެރޭގައި ޙައްގުތަކުން ކުޑަކުދިން މަޙުރޫމުކުރުމުގެ 5 މައްސަލައާއި ތަޢުލީމަށް ހުރަސްއެޅުމުގެ 5 މައްސަލަ ހިމެނެއެވެ.
Case #Statistics: Ministry received and attended to a total of 186 cases in February 2021
— Ministry of Gender, Family and Social Services (@MoGFSSmv) March 30, 2021
ENG: https://t.co/MguoH0Wh6K
DHIV: https://t.co/Zc9HwZWpWe pic.twitter.com/Su0tqlcdm6
ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ 38 މައްސަލަވެސް ފެބްރުއަރީ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައިވެއެވެ. މީގެތެރޭގައި އަނގަބަހުން ކުރާ އަނިޔާގެ 14 މައްސަލައާއި ޖިސްމާނީ އަނިޔާކުރުމުގެ 14މައްސަލަވެސް ހިމެނެއެވެ.
މީގެއިއިތުރުން އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާ އެހީތެރިކަން ބޭނުންވެގެން ހުށައަޅާފައިވާ 10 މައްސަލައަކާއި އުމުރުން ދުވަސްވީ މީހުންނަށް އެހީ ބޭނުންވެގެން ހުށައަޅާފައިވާ 2 މައްސަލަ ހިމެނެއެވެ.
ފެބްރުއަރީމަހު ހުށައެޅި މައްސަލަތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 10 މައްސަލަވެސް މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވެއެވެ.