ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކުރިމަތިލި 3 ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް!


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 3 ނަމެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވައިފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ރައީސް އޮފީހުން ހުޅުވާލާފައި ވަނީ އެކޮމިޝަންގެ މެމްބަރު އާމިނަތު ތަރާހަތު އިއްޒަތުގެ މަޤާމުގެ މުއްދަތު އަންނަމަހުގެ 4 ވަނަ ދުވަހަށް ހަމަވާތީއެވެ.

ބްރޯޑްކޮމްއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި 3 ބޭފުޅުންކީ، ފާތިމަތު ސައުޝަންއާއި، ޝިފްލާ އިބްރާހިމްގެ އިތުރުން ޑރ.މުހައްމަދު އިބްރާހިމްގެ ނަންފުޅެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާ ކުރެއްވުމަށް ވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކޮށްފައިވަނީ ފަޒީންއެވެ. އެކޮމިޝަންގައި ފަޒީންގެ އިތުރުން ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަޙްމަދު ގައިސް އާއި، މެންބަރު އާމިނަތު ސަރާޙަތު ޢިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު ޢަލީ ޔޫސުފް އާއި މެންބަރު އާމިނަތު އަމީނާއެވެ.