ކުޅިވަރު

ވާރލްޑް ކަޕް ކޮލިފައިންގައި ގުރޫޕު އޭގެ އެއްވަނައަށް ޕޯޓުގަލް


2022 ވަނަ އަހަރު ޤަތަރުގައި ބާއްވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް އޭގައި ޕޯޗުގަލް އާއި ލަގްޒެމްބަރގް ބައްދަލުކުރިމެޗް ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ. މިމެޗް ޕޯޗުގަލް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕޯޗުގަލްއެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ލަގްޒެމްބަރގްއިންނެވެ. މިލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ޖަހާދިނީ ގަރސަން ރޮޑްރިގޭޒްއެވެ. މިދިޔަ ހޮނިހިރު ދުވަހު ރިޕަބްލިކް އޮފް އައިލަންޑްވެސް ބަލިކޮށްފައިވާ ލަގްޒެމްބަރގްގެ މިލަނޑާއެކު މިމެޗްގައިވެސް އެޤައުމުން އަދަޔާ ހިލާފް ނަތީޖާއެއް ނެރެފާނެކަމަށް ހީވެގެންދިޔައެވެ. ނަމަވެސް ޕޯޗުގަލްއިން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޑިއެގޯ ޖޮޓާއެވެ. އަދި މިމެޗްގައި ޕޯޗުގަލްއަށް ކުރިހޯދަދިން ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހާދިނީ އެޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހާދިނީ ޖޮއޯ ޕަލީނިއާއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޕޯޗުގަލްއަށް ލިބިގެން ގޮސްފައިވެއެވެ. މިގޮތުން ޖޮޓާ ފޮނުވާލި ހަމަލާއެއް ގޯލް ދަނޑިއަށް އަމާޒުވިއިރު ރޮނާލްޑޯ ފޮނުވާލި ދެ ހަމަލާއެއްވަނީ ލަގްޒެމްބަރގްގެ ކީޕަރ އެންތަނީ މޮރިސް ދިފާއުކޮށްފައެވެ. މިމެޗްގެ 86 ވަނަ މިނެޓްގައި ލަގްޒެމްބަރގްގެ މެކްސިމް ޗަނޮޓްއަށް ދެވަނަ ރީނދޫކާޑަކާ އެކު ރަތްކާޑެއް ދެއްކުމާއެކު މެޗްގެ ފަހު ވަގުތުކޮޅު އެޓީމް ކުޅެމުންދިޔައީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

މިކާމިޔާބީއާއެކު ޕޯޗުގަލް އުޅެނީ މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ގްރޫޕް އޭގެ ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގާ ގޯލްގެ ތަފާތުން އުޅޭ ސަރބިއާ އާއި އަޒަރުބައިޖާން ބައްދަލުކުރިމެޗް 2 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ސަރބިއާއެވެ.