ޚަބަރު

މާލޭގެ މަގުތައް އެއްވަރުކުރުމުގެ މަސައްކަތް ފަށައިފި


މާލޭގެ ބޮޑެތި މަގުތައް އެއްވަރުކުރުމުގެ ގޮތުން،
މަގުތަކުގެ ގާ ނަގާ މަރާމާތުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. 



ހައުސިންގެ މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި،
މިމަސައްކަތުގެ ދަށުން މާލޭގެ ބޮޑެތި ހުރިހާ މަގުތަކެއްގެ ގާތައް ނަގާ މަގު
އެއްވަރުކޮށް، ހަލާކުވެފައިވާ ގާތަކުގެ ބަދަލުގައި އާ ގާތައް މަގުތަކުގައި
އެތުރުމަށް ހަމަޖެހިފައިވެއެވެ.



މީގެ އިތުރުން މަގުތަކުގެ ކާނުތައް މަރާމާތުކޮށް، ފެން
ހިންދުމުގެ ނިޒާމް މިހާރަށް ވުރެ ރަނގަޅުކުރުމަށްވެސް މަސައްކަތްތަކެއް
ކުރެވޭނޭކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން މާލޭގެ ބައެއް
މަގުތަކުގައި ތާރު އެޅުމަށްވެސް ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވަނީ
ހާމަކޮށްފައެެވެ. 



މިޕްރޮޖެކްޓުގެ ދަށުން މާލެ ވަށައިގެން އޮންނަ
ބޮޑުތަކުރުފާނުމަގާއި، އަމީނީ މަގާއި، ބުރުޒުމަގު ފަދަ ބޮޑެތި މަގުތައް
މަރާމާތުކޮށް އެއްވަރުކުރެވޭނެއެވެ. 



ސަރުކާރުން ކުރިއަށްގެންދާ މާލޭގެ މަގުތައް ރީޑިޒައިން
ކުރުމުގެ ސާރވޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ
ސީސީސީސީ ކުންފުންޏާއި. މިއެއްބަސްވުމުގެ މާލޭގެ މަގުތަކަށް ދިމާވެފައިވާ އެންމެހާ
މައްސަލަތައް ހައްލުކުރުމަށް އެކުންފުނިން ލަފާދޭނެއެވެ. 



މާލޭގެ މަގުތަކަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް
ހައްލުކުރުމަށް ހައުސިންގ މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން.
އެގޮތުން ވާރޭ ވެހުމުން މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގެ ފެން
ހިންދުމުގެ ނިޒާމް މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ.