ކުޅިވަރު

މައޭމީ އޯޕަންގެ ސެމީ ފައިނަލަށް އޭޝްލީ ބަރޓީ


މައޭމީ އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލުން އެންމެފަހުގެ ޗެމްޕިއަން އޭޝްލީ ބަރޓީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީފައިނަލުން ބަރޓީ ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ބެލަރޫސްގެ އަރީނާ ސެބަލެންކާ އާއި ބައްދަލުކޮށް 2 ސެޓް އެއްސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އަދި މުބާރާތުގެ އެއްވަނަ އަންހެން ސީޑް ބަރޓީ މިމުބާރާތުގައި ހަތްވަނައަށް ސީޑް ކޮށްފައިވާ ސެބަލެންކާގެ މައްޗަށް ކުރިހޯދީ ހައެއް ހަތަރެއް، ހައެއް ހަތެއް އަދި ހައެއް ތިނަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބަރޓީ ބުނީ މިއީ ފަހަކަށް އައިސް އޭނާއަށް އެންމެ ރަނގަޅަށް ކުޅެވުނު މެޗުކަމަށެވެ. މިކާމިޔާބީއާއެކު ބަރޓީ ވެފައިވަނީ މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ސެމީފައިނަލްގައި ބަރޓީ ބައްދަލުކުރާނީ ފަސްވަނައަށް ސީޑް ކުރެވިފައިވާ ޔޫކްރެރިންގެ އެލީނާ ސްވިޓޮލީނާ އާއި ލެޓްވިއާގެ އަނަސްޓޭސިއާ ސެވަސްޓޯވާ ބައްދަލުކުރާ ކުއާޓަރ ފައިނަލް މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.

މިމުބާރާތުގެ ފިރިހެން ބައިގައި އެއްވަނައަށް ސީޑް ކޮށްފައިވާ ރަޝިޔާގެ ޑަނީލް މެޑްވެޑޭވް ވަނީ މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަހޯދާފައެވެ. މެޑްވެޑޭވް ކުއާޓަރއިން ޖާގަހޯދީ އެމެރިކާގެ ފްރަންސެސް ޓިއަފޯ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ. މިމަހުގެ ކުރީކޮޅު ދުނިޔޭގެ ރޭންކިންގ ގެ ދެވަނައަށް ކުރިއަށް ޖެހިލާފައިވާ މެޑްވެޑޭވް ކްއާޓަރ ފައިނަލްގައި ބައްދަލުކުރާނީ މުބާރާތުގައި ހަތްވަނައަށް ސީޑް ކުރެވިފައިވާ ސްޕެއިންގެ ރޮބާޓޯ ބައުޓިސްޓާ އަގުޓްއާއެވެ.