ލ.އަތޮޅު ކައްދޫ ކައިރިން މޫދަށް ފޭބި ސިފައިންގެ 4 މީހެއްގެތެރެއިން ގެއްލިގެން ހޯދަމުންދިޔަ ލ.މާބައިދޫ ޑައިމަންޑްވިލާ، ޢުމުރުން 28 އަހަރުގެ ލާންސްކޯޕްރަލް ޙުސައިން ފާރިޝް ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)އިން ވިދާޅުވީ އޭނާ ފެނުނީ ހޯދުމުގެ މަސައްކަތްކުރަމުންދިޔަ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑްގެ ޑައިވަރުންނަށްކަމަށެވެ.
ލާންސްކޯޕްރަލް ޙުސައިން ފާރިޝް ގެއްލުނީ ލ.ކައްދޫގެ އިރުމަތީ ފަރާތު މޫދަށް، އިތުރު 3 ސިފައިންގެ މީހުންނާއެކު ފޭބިފަހުންނެވެ. އެމީހުން މޫދަށް ދިޔައީ ޑީއުޓީ އޮފް ވަގުތެއްގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މޫދަށް ފޭބި 4 ސިފައިންގެ މީހުންގެ ތެރެއިން އިތުރު މީހަކު ގެނބިގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.
ޙުސައިން ފާރިޝް ސިފައިންގެ ޚިދުމަތާއި ގުޅިފައިވަނީ 11 އޮކްޓޫބަރު 2016ގައެވެ. އޭނާ މަސައްކަތް ކުރަމުންއައީ އެމްއެންޑީއެފް މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1 ގައެވެ. ސިފައިންގެ ޚިދުމަތުގައި ޖުމުލަ 4 އަހަރާއި 5 މަހާއި 19 ދުވަސް އޭނާވަނީ ހޭދަކޮށްފައެވެ.
މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަނެ މަރުވި ޙުސައިން ފާރިޝަނީ ސިފައިން އަސާސީ ތަމްރީނުގެ އިތުރުން އެމްއެންޑީއެފް އިން ހިންގި ރެސްކިއު ސްވިމިންގ ކޯހުގެ ގޯލްޑް ލެވެލާއި މެރިންކޯ ބޭސިކް ކޯހާއި ކައުންޓަރ ޓެރަރިޒަމް ކްލޯސް ކުއާޓަރ ބެޓަލް ކޯސް ފުރިހަމަކޮށްފައިވާ ސިފައިންގެ މީހެކެވެ. މަރުވިއިރު އޭނާ ގެންދިޔައީ އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ލ.ކައްދޫގައި 3 ހަފުތާގެ އަސްކަރީ ތަމްރީން ކޯހެއް ފުރިހަމަ ކުރަމުންނެވެ.