ޚަބަރު

އެންޑީއޭ އިސްލާހުކުރުމަށް 1050 މީހުންގެ ސޮޔާއެކު މަޖިލީހަށް ޕެޓިޝަނެއް!


ނޭޝަނަލް ޑްރަގް އޭޖެންސީގައި ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ހައްލުހޯދައިދިނުމަށް ގޮވާލާ 1050 މީހުންގެ ސޮޔާއިއެކު މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްއެވެ. މިމައްސަލަ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ ގިނަބައެއްގެ ކަންބޮޑުވުން އޮތް މައްސަލައަކަށް މިމައްސަލަވުމުން މިކަމުގައި ބަލަންޖެހޭ ކަންކަންބަލައި، ވީހާވެސް އަވަހަށް ރިޕޯޓް ތަޅުމަށް ފޮނުވަމަށް އެދިވަޑައިގަންނަވާކަމަށެވެ.

އެންޑީއޭގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް ހުށަހަޅާފައިވާ މި ޕެޓިޝަންގައި ބުނެފައިވަނީ މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށްވާއިރު، މިމަސްއޫލިއްޔަތު އަދާކުރަން ޤާނޫނުން މަތިކޮށްފައިވާ ނޭޝަނަލް ޑްރަގް އޭޖެންސީއަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށެވެ. އެގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ)ގެ މައްޗަށް ލާޒިމްކޮށްފައިވާ 8 މަސްޢޫލިއްޔަތެއްވާއިރު، އޭގެއިން އެއްވެސް ކަމެއް އެކަށީގެންވާ ހަރުދަނާ ގޮތެއްގައި ކުރުމަށް އެންޑީއޭ ވަނީ ނުކުޅެދިފައިކަމަށް މި ޕެޓިޝަންގައި ބުނެފައިވެއެވެ. މިހެން މިކަން ވާންޖެހޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ޕެޓިޝަންގައި ބުނެފައިވަނީ މީގެ 24 ވަރަކަށް އަހަރުކުރިން އެހެން ނަމެއްގައި އެންޑީއޭ ވުޖޫދަށް އައިރުވެސް ގެންގުޅުނު ނިޒާމްތަކާއި ބޯދާ ޢުޞޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވުންކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

މިޕެޓިޝަން ހުށަހެޅި ފަރާތްތަކުން ވަނީ ވީހާވެސް އަވަހަށް މިމައްސަލައަށް ހައްލު ގެނެސް ނޭޝަނަލް ޑްރަގް އެޖެންސީ، (އެން.ޑީ.އޭ)އަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް އެދިފައެވެ. އަދި މިކަމުގައި އަވަސް ހައްލުތަކެއް ގެނެސް ޒުވާނުންގެ ތެރެއިން އެތައްބަޔަކު މަސްތުވާތަކެތިން ސަލާމަތްވުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށްވެސް ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ.