ޚަބަރު

އިންތިޚާބާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް، ކެމްޕެއިންކުރުމުގެ ފުރުޞަތު އެބައޮތް: އީސީ


އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅޭގޮތުން ދުސްތޫރީ ގޮތުން ސުވާލު އުފެއްދުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނެތްކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޚާއްސަ ހާލަތުގައި ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަރވިއުއެއްގައި ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާ ހާލަތަކީ ޚާއްސަ ހާލަތެއްކަން ހުރިހާ ރައްޔިތުންވެސް ޤަބޫލު ކުރައްވަން ޖެހޭކަމަށެވެ. އަދި މިހާލަތުގައިވެސް ކެނޑިޑޭޓުންނާއި، ޕާޓީތަކަށްވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބާއިމެދު ޤާނޫނީ ސުވާލު އުފައްދައި އިންތިޚާބު އިންސާފުވެރި ނުވެދާނެކަމަށް ވާހަކަ ދައްކަވަމުންދަނީ ރައްޔިތުންގެ މެދުގައި ނުތަނަސްކަން އިތުރު ކުރުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންތިޚާބާއިމެދު ސުވާލު އުފައްދަވައި ވާހަކަދައްކާ އެއްވެސް ޕާޓީއަކުންވެސް އަދި ކެނޑިޑޭޓެއްވެސް އިންތިޚާބު ފަސްކޮށް ލަސްކުރުމަށް ނޭދޭކަމަށެވެ. އިންތިޚާބުގައި ވާދަކުރައްވާ އެންމެބޮޑު ޕާޓީތަކުންވެސް ވަކާލާތު ކުރައްވަމުންދަނީ އިންތިޚާބު ވީހާވެސް އަވަހަށް ބާއްވައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކައުންސިލް އިންތިޚާބު ޚާއްސަ ހާލަތުގައި ބާއްވަން ޖެހުނު ކަމުގައިވީނަމަވެސް އިލެކްޝަނުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާކުރައްވާނެކަމަށެވެ. އޭނާ ވިދާޅުވީ ވޯޓުލާދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވޯޓުލުން ކުރިއަށްދާނެކަމަށެވެ. ކޯވިޑާއި ގުޅިގެން ވޯޓުލާ ދުވަހު އެރަށެއް މޮނިޓަރިންގައި އޮތްނަމަވެސް އެޗްޕީއޭއާއި އިލެކްޝަންއާއި ދެމެދު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ޚާއްސަ އުސޫލެއްގެ ތެރެއިން އިންތިޚާބުގެ ކަންކަން އެރަށެއްގައި ބޭއްވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 273128 މީހުންނަށެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އެންމެ ފަހުގެ ލިސްޓް އެކުލަވާލާފައި މިވަނީ މިދިޔަ އަހަރު ބާއްވަން އޮތް އިންތިހާބު މިއަހަރަށް ލަސްވުމާ ގުޅިގެން ވޯޓުގެ ކުރިއަށް 18 އަހަރުވާ ކުދިން ވެސް ހިމަނައިގެންނެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާ ދުވަހަށް 18 އަހަރު ފުރޭތީ މުޅިން އަލަށް 5134 މީހުން ވޯޓުލާނެއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.