ޚަބަރު

މުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި


މ. މުލަކަށް މަސްތުވާ ތަކެތި އެތެރެ ކުރަން އުޅުނު މީހަކު ތަކެއްޗާއެކު އެރަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މ. މުލަކުން 45 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެރަށަށް އައި ދޯންޏަކުން އައި މީހަކު މަސްތުވާ ތަކެތި އެރަށަށް އެތެރެކުރާ ކަމަށް މުލަކު ޕޮލިސް ސްޓޭޝަނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމަތަކާ ގުޅިގެން އެމީހާ ހުއްޓުވައި ބަލައި ފާސްކޮށް އެމީހާ ލައިގެންހުރި ޖިންސް ގެ ޖީބުން މަސްތުވާ ތަކެތި ކަމަށް ބެލެވޭ 22 ރަބަރު ޕެކެޓް ފެނިފައި ވުމުންނެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދަން 7 ދުވަހުގެ ބަންދުގެ މުއްދަތު މ. ވޭވަށު މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިމައްސަލަ މ. މުލަކު ޕޮލިސް ސްޓޭޝަނާ މުލީ ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.