މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ކުޅުދުއްފުށި އޮޑިޝަން ފަށައިފި

މޯލްޑިވިއަން
އައިޑަލްގެ ހަތަރު ވަނަ އޮޑިޝަން ހދ. ކުޅުދުއްފުށީގައި މިއަދު ފަށައިފިއެވެ. 

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ
އެންމެ އަގު ބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ކުޅުދުއްފުށީ
އޮޑިޝަންތައް ކުރިއަށްދަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.މޯލްޑިވިއަން އައިޑަލްގެ ކުޅުދުއްފުށީ އޮޑިޝަން
މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާއިރު، ހދ އަތޮޅުގެ އިތުރުން، ހއ، ށ، ނ އަދި ރ
އަތޮޅަށް ނިސްބަތްވާ ފަރާތްތަކުން މިފަހަރުގެ އޮޑިޝަންގައި ބައިވެރިވެފައިވާކަން
ފާހަގަކޮށްލެވެއެވެ. އޮޑިޝަންގައި ބައިވެރިވުމަށްޓަކައި މިއަދު ހެނދުނުން ފެށިގެން
ނަންނޯޓްކޮށް، ރަޖިސްޓްރޭޝަންގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. 

ރާއްޖޭގައި ބާއްވާ ލަވަކިޔުމުގެ އެހެން މުބާރާތްތަކާއި ޓީވީ ޝޯވތަކާއި ހިލާފަށް،
މޯލްޑިވިއަން އައިޑަލްގައި ބައިވެރިވާ ފަރާތްތަކުން ޖަޖުންގެ ކުރިމައްޗަށް
ދިއުމުގެ ކުރިން އިތުރު ކަންތައްތަކެއް ފުރިހަމަކުރަން ޖެހެއެވެ. އެގޮތުން އެ
ބައިވެރިއަކު ރަޖިސްޓްރީވާ ހިސާބުން ފެށިގެން ފުރަތަމަ އެބައިވެރިއަކާއި ބެހޭ
މައުލޫމާތު އެއްކުރުމަށްފަހު، ޓެލެންޓް ރޫމަށް ފޮނުވާލެވެއެވެ. ޓްލެންޓް ރޫމްގައި މި
ޝޯވގެ ކްރިއޭޓިވް ޑައިރެކްޓަރާއި، ރިއަލިޓީ ޓައިރެކްޓަރުގެ އިތުރުން މިއުކިޒް
ކޯޗެއް ހިމެނޭހެން ތިން ބޭފުޅުންގެ ޕެނަލެއް ތިއްބަވާނެއެވެ. މި ޕެނަލުން އެ
ބައިވެރިއެއްގެ ކިބައިގައި ލަވަކިޔުމުގެ ހުނަރު ހުރީ ކޮން މިންވަރަކަށްތޯއާއި،
ކޮންކަހަލަ ލަވަތަކެއްތޯ އެ ބައިވެރިއަކަށް ކިޔޭނީ އަދި މިއުކިޒާއި ގުޅުންހުރި ކޮންކޮން
އިތުރު ހުނަރުތަކެއްތޯ ބައިވެރިޔާގެ ކިބައިގައި ހުރީ ބެލުމަށްފަހު އޭނާ ޖަޖުންގެ
ރޫމަށް ފޮނުވާލާނީތޯ ނުވަތަ ނޫންތޯ، މިކަމާމެދު ގޮތެއް ނިންމާނެއެވެ. 

މޯލްޑިވިއަން އައިޑަލްގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ އާއްމުންގެ ބޮޑު
މަޤްބޫލުކަމެއް ހޯދާ، ހުނަރުވެރި ކުޅަދާނަ ލަވަތަކެއް އާއްމުންނާއި
ހަމައަށްގެނެސްދީފައިވާ ތިން ފަންނާނުންކަމަށްވާ، މަރިޔަމް އުނޫޝާ – ކިޑީ، އިބްރާހިމް
ޒައިދު އަލީ – ކުޑަ އިއްބެ އަދި އަހުމަދު އިބްރާހިމް – އައްމަޑޭއެވެ. 

މިއީ
ރިއަލިޓީ ޝޯވއެއްކަމުން ބައިވެރިންގެ އިހްސާސްތަކާއި، އެމީހުންގެ މޫނުމަތިން
ފެންނަ ކުލަވަރުތަކާއި، ޝޯވއަށް ތައްޔާރުވެފައިވާ މިންވަރު ބެލުންތެރިންނާއި
ހަމައަށް ގެނެސްދިނުމަށްޓަކައި ރިއަލިޓީ ޓީމުން ދާނީ އެ ބައިވެރިއެއްގެ ހުރިހާ
ހަރަކާތްތަކެއްވެސް މޮނިޓަރކުރަމުންނެވެ. އަދި އެބައިވެރިއެއްގެ އާއްމު ދިރިއުޅުމުގައި
ކުރާ ކަންތައްތައްވެސް ވިހާވެސް ފުރިހަމަކޮށް ގެނެސްދިނުމަށްޓަކައި އެފަދަ
މަންޒަރުތައް ކެމެރާކޮށް ރިކޯޑް ކުރުމުގެ މަސައްކަތްވެސް ރިއަލިޓީ ޓީމުން ކުރާނެއެވެ. 

މޯލްޑިވިއަން
އައިޑަލްގެ އޮޑިޝަންތައް ކުރިއަށްގެންގޮސް، މި ޝޯވގެ ހަތަރު ވަނަ ޕްރޮގްރާމް ޝޫޓް
ކުރުމުގެ މަސައްކަތުގައި ޕީ.އެސް.އެމްގެ ތިރީހަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ
ޓީމެއް ކުޅުދުއްފުށީގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މިޓީމްގައި އެންމެ އިސްކޮށް
މަސައްކަތް ކުރައްވާނީ ޕީ.އެސް.އެމްގެ ޑިރެކްޓަރ އީ- ކޮމާރސް އެންޑް މާކެޓިންގ
އިބްރާހިމް ނަސްރީނާއި  މޯލްޑިވިއަން އައިޑަލްގެ ކްރެއިރޭޓީވް ޑިރެކްޓަރ މުޢާވިއަތު
އަންވަރުއެވެ.  ވިލިނގިލީގައި
އޮޑިޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ހދ އަތޮޅު ކައުންސިލްގެ އިތުރުން ކުޅުދުއްފުށީ
ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި، އެހީތެރިކަމެއް ލިބެމުންދާކަން ޕީ.އެސް.އެމްގެ
ޓީމުން ފާހަގަކުރެއެވެ. ކުޅުދުއްފުށީ އޮޑިޝަނާއެކު އަތޮޅުތަކުގައި ކުރިއަށް
ގެންދިޔުމަށް ހަމަޖެހިފައިވާ އޮޑިޝަންތައް ނިމޭނެއެވެ. މޯލްޑިވިއަން އައިޑަލް
ފެށުމަށްޓަކައި ބާއްވާ ގާލާ ރައުންޑަށް ދަތުރުކުރާ ބައިވެރިން ކަނޑައެޅުމަށްޓަކައި
ބާއްވާ އޮޑިޝަންތައް ދެން ކުރިއަށްދާނީ މާލޭ ސިޓީގައެވެ.