ޚަބަރު

މެނިފެސްޓޯއަށް އެއްބާރުލުން ލިބޭނެކަން ވޯޓުން ހާމަވެއްޖެ- އާމިރު


ގައުމަށް
ޣައްދާރުވުމުގެ ތުހުމަތުގައި އަޙްމަދު އަދީބު ނައިބު ރައީސްކަމުގެ މަގާމުން
ދުރުކުރުމުން ސަރުކާރު ކޯލިޝަނާއި، ވަޒީރުންގެ މަޖިލިސް އަދި
ރައްޔިތުންގެ މަޖިލީހުން ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯ ކުރިއަށް
ގެންދިއުމުގައި އެއްބާރުލުން ދޭކަން އެނގިގެން ހިނގައްޖެކަަމަށް އެމްޑީއޭގެ ނައިބު
ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެ. 

ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ
މެމްބަރު އަޙްމަދު އާމިރު ވިދާޅުވީ، އަދީބު މަގާމުން ދުރުކުރުމަށް ނެގި ވޯޓުން
ސަރުކާރު ކޯލިޝަންގެ ވަރުގަދަކަން އެނގިގެން ހިނގައްޖެކަމަށެވެ. އެގޮތުން ވަޒީރުންގެ
މަޖިލީހާއި ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުން ޕީޕީއެމްގެ މެނިފެސްޓޯ
ކުރިއަށް ގެންގޮސް ގައުމަށް ތަރައްގީ ގެނައުމަށް އެއްބާރުލުން ދޭކަން ވަރަށް ފުރިހަމައަށް
ސާބިތު ވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ.  

އާމިރު ވިދާޅުވީ މިކަމުން އެނގެނީ ސިޔާސީ
މަގާމެއްގައި ހުރެ މަސްއޫލިއްޔަތު އަދާނުކޮށް އިޙްމާލު ވެއްޖެ ކޮންމެ މީހަކުވެސް
ސަރުކާރުން ދުރުކުރާނެކަންކަމަަށެވެ. ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ އުސޫލުތަކާއި
ޚިލާފަށް ވެރިކަމަށް ނުރައްކާތެރި ރޭވުމެއްގެ ތެރެއިން ނައިބު ރައީސް ވެރިކަމަށް
އަންނަން މަސައްކަތް ކުރި ކަން އޭނާ ފާހަގަކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާއަށް އެންމެ އެހީތެރިކަން ބޭނުންވި ވަގުތުގައި ނައިބު ރައީސަކު
ނެތުމަކީ ދަތިކަމެއް އަންނާނެކަމެއް ކަމަކަށް ވީނަމަވެސް،  އެފަދަ އެއްވެސް ކަމަކަށް ފަސްޖެހިވަޑައިނުގެން އެ ދަތިތަކާއި ކުރިމަތިލައްވަމުން ކުރިއަށް
ވަޑައިގަތުންމަތީ ރައީސުލްޖުމްހޫރިއްޔާ ދެމިހުންނަވާނޭކަމަށް ކުޑަހުވަދޫ ދާއިރާގެ
މެމްބަރު އަޙްމަދު އާމިރު ވިދާޅުވިއެވެ.