ޚަބަރު

އަމިއްލަ ވިޔަފާރިކުރުމުގެ ދާއިރާއިން ތަޖުރިބާ ޙިއްސާކުރުމަށް ޕްރޮގްރާމެއް ފަށައިފި


ޒުވާނުންގެ މެދުގައި އަމިއްލަ ވިޔަފާރިކުރުގެ ދާއިރާއިން ތަޖުރިބާ އާއި ހުނަރު ބަދަލުކުރުމުގެ މަޤްޞަދުގައި ލައިވް ވެބިނާ ސީރީޒް އެއް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ފަށައިފިއެވެ. ސަރުކާރުން ކުރިއަށް ގެންދާ "މީރީ" މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މި ވެބިނާ ސީރީޒް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ހަޔރ އެޑިއުކޭޝަން ޑރ.އިބްރާހީމް ހަސަންއެވެ.

މިވެބިނާ މެދުވެރިކޮށް ޒުވާން ވިޔަފާރިވެރިން އަދި އަމިއްލަ ފަރުދުންގެ މެދުގައި ވިޔަފާރިކުރުމާގުޅޭ މަޢުލޫމާތު ޙިއްސާކުރާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން ވިދާޅުވީ މި ސިލްސިލާ ވެބިނާ ވެގެންދާނީ އަމިއްލަ ވިޔަފާރި ފެށުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ިލބޭ ރަނުގެ ފުރުސަތަކަށްކަމަށެވެ.

"މީރީ" ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ވޯރލްޑް ބޭންކުގެ އެހީގައި ހިންގާ 5 އަހުރު ދުވަހުގެ 20 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.

މީރީ މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމެވެ. ޓެކްނިކަލް ވޮކޭޝަނަލް ދާއިރ އާއި ވިޔަފާރީގެ ހުނަރުތައް ތަރައްގީކުރުމެވެ. އެގޮތުން މިޕްރޮޖެކްޓުން އިސްކަންދޭ ދާއިރާތަކަކީ ފަތުރުވެރިކަން، ފަތުރުވެރިކަމާއި ގުޅޭ ޢުމްރާނީ މަސައްކަތް، އައި.ސީ.ޓީ އަދި ދަނޑުވެރިކަމެވެ.

މިވެބިނާ ފެށުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިސިލްސިލާ ވެބިނާ މެދުވެރިކޮށް ޒުވާނުންނަށް ގިނަގުނަ އައު މަޢުލޫމާތު ލިބި މިޕްލެޓްފޯމް މެދުވެރިވެ ތަޖުރިބާ ހިއްސާކޮށް، އެކަކު އަނެކެއްގެ ކިބައިން މަޢުލޫމާތު ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

މި ވެބްިނާ ކުރިއަށްގެންދަނީ 4 ސެޝަނަކަށް ބަހާލައިގެންނެވެ. މިވެބިނާ އިފްތިތާހް ކުރުމަށް ބޭއްވި ސެޝަންގައި ވަނީ މީރީ ޕްރޮޖެކްޓްގެ ފަރާތުން ރާވާ އިންތިޒާމުކުރާ "ޕިޗް-އަޕް: ޔޫތު އެންޓްރޮޕްރިނުއަރޝިޕް ޗެލެންޖް" ތަޢާރަފުކޮށްފައެވެ. އަންނަމަހުގެ 5 ވަނަދުވަހު ފަށާ މިމުބާރާތުގައި އައު ވިޔަފާރީގެ އުފެއްދުންތެރި ޚިޔާލާއި، ވިސްނުންތައް ހުށަހަޅާ، އެ ކަންކަން ފަށައިގަތުމަށް ޒުވާނުންނަށް ބޭނުންވާ މަލީ އެހީތެރިކަން ފޯރުކޮށްދެނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.