ޚަބަރު

ފުލުހުންގެ ބޯޑަށް އާއްމުންގެ ތެރެއިން 7 ނަމެއް، ދިރާސާކުރަން ކޮމިޓީއަށް


ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާ ބޯޑުގެ މެންބަރުކަމަށް ޢާންމުންގެ ތެރެއިން ކުރިމަތިލެއްވި 7 ބޭފުޅެއްގެ ނަންފުޅު ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާ ބޯޑުގެ މެންބަރުކަމަށް ޢާންމުންގެ ތެރެއިން 2 މެމްބަރަކު ތިއްބަވަން ޖެހެއެވެ. މިހާތަނަށް އާންމުންގެ ތެރެއިން އެބޯޑަށް ކަނޑައެޅުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ އެންމެ ބޭފުޅަކަށެވެ. އެއީ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޢަފޫރެވެ.

ފުލުހުންގެ ބޯޑަށް އާއްމުގެ ތެރެއިން ކަނޑައަޅާ ދެވަނަ މެމްބަރަކު ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި 7 ބޭފުޅުން ކުރިމަތިލާފައިވެއެވެ.

ފުލުހުންގެ ބޯޑަށް އާންމުންގެ ތެރެއިން ކުރިމަތިލެއްވި 7 ބޭފުޅުންނަކީ:
1. އިބްރާހިމް ތައުފީޤް، މއ.ރިހިވިލާގެ
2. މުހައްމަދު އިމްރާން ޝަރީފް، މ.ތަންތަރާ
3. ޝަފާ ޝަރީފް، ދެތަނޑިމާގެ، ސ.ހުޅުދޫ
4. އަހުމަދު އުސައިދު ހަސަން، ލަކީސްޓަރ، ގދ.ހޯޑެއްދޫ
5. އައިޝަތު ރަޝީދު، ކޮކަގެ ސ.ފޭދޫ
6. ހައްވާ ރީނާ ހަސަން، މ.ދިއްގަލި

މި 7 ބޭފުޅުންގެ ނަންތައް ދިރާސަކުރެއްވުމަށްފަހު ވީހާވެސް އަވަހަކަށް މިކަން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ނިންމަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.