ވިޔަފާރި

ފެލިވަރު މަސް ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިމެނީ


ފެލިވަރު މަސް ފެކްޓަރީ އަޕްގްރޭޑް ކުރުމުގެ
މަސައްކަތުގެ ފުރަތަމަ ފިޔަވަހި މިމަހުގެ ފަހުކޮޅު ނިމޭނެ ކަމަށް މިފްކޯގެ ސީއީއޯ
އަދްލީ އިސްމާއިލް ވިދާޅުވެއްޖެއެވެ.



ފެލިވަރު މަސް ފެކްޓަރީގައި މިހާރު
ދުވާލެއްގެ މައްޗަށް 15 ޓަނުގެ މަސް ބަންދުކުރާއިރު، ފެކްޓްރީ އަޕްގްރޭޑްކުރުމުގެ
ފުރަތަމަ ފިޔަވަހި ނިމުމުން ދުވާލެއްގެ މައްޗަށް 50 ޓަނު މަސް ބަންދުކުރުމުގެ
ޤާބިލްކަން އެފެކްޓަރީގައި ހުންނާނެކަމަށް އަދްލީ ވިދާޅުވިއެވެ.



ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި
އަދްލީ ވިދާޅުވީ ފެލިވަރު މަސް ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން
އެތަނުގައި ބޭނުންކުރާ %90 މެޝިނަރީ އާ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި
މެޝިންތައް މިމަސްތެރޭ ރާއްޖެއަންނާނެ ކަމަށެވެ.



އަދްލީ ފާހަގަކުރެއްވިގޮތުގައި ފެލިވަރު މަސް ފެކްޓަރީ
އަޕްގްރޭޑްކުރުމުގެ މަސައްކަތަކީ އެކުންފުނީގެ ބަޖެޓުން 2 މިލިއަން ޑޮލަރު
ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.



އަދި ފެލިވަރު މަސްފެކްޓްރީ
އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އެތަނުގައި ދެ
ޝިފްޓަކަށް ބަހާލައިގެން މަސް ބަންދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް
ރާވާފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ބަދަލު ގެންނާނީ އެކަމާއި ގުޅޭ
ދިރާސާތައް ކުރުމަށްފަހު ކަމަށްވެސް އަދްލީ ވިދާޅުވިއެވެ.



އަދްލީ ވިދާޅުވީ ފެލިވަރު މަސް ފެކްޓްރީ އަޕްގްރޭޑް
ކުރުމުން ހުޅުވިގެންދާ ވަޒީފާތަކަށް މީހުން ހޮވުމުގެ މަސައްކަތް މިހާރު
ކުރަމުންދާކަމަށެވެ.