ދުނިޔޭގެ ވިޔަފާރި

ސުއޭޒް ކެނަލްއަށް ބީހުނު ބޯޓުގެ ބައެއް ފުންކޮށްފި

މިސްރުގެ ސުއޭޒް ކެނަލްއަށް އަންގާރަދުވަހު ބީހުނު އާގުބޯޓުގެ ބައެއް ފުންކޮށްފިއެވެ.

ޚަބަރުތައް ބުނާގޮތުން 400 މީޓަރުގެ ދިގު "އެވަރގިވަން" ނަމަކަށް ކިޔާ ބޯޓުގެ ފަހަތްކޮޅު ފުންވެފައިވާކަމަށެވެ.

ބޯޓުގެ ފަހަތްކޮޅު ފުންކުރެވުނަސް، ބޯޓުގެ ކުރީކޮޅު އަދިވެސް އޮތީ ބީހިފައެވެ. ސުއޭޒް ކެނަލް އޮޕަރޭޓްކުރާ އޮތޯރިޓީން ބުނީ ވަރަށް އަވަހަށް ބޯޓު އެއްކޮށް ފުންކުރެވޭނެކަމަށް ބެލެވޭކަމަށެވެ. ނަމަވެސް އަންގާރަދުވަހުން ފެށިގެން ބަންދުވެފައިވާ ކެނަލް އަލުން ހުޅުވޭނެ ވަގުތެއް އަދި ނޭނގޭކަމަށް އޮފިޝަލުންނާއި ހަވާލާދީ ޚަބަރުތައް ބުނެއެވެ.


ހޮނިހިރުދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ މައުލޫމާތު ދެއްވަމުން މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީގެ ވެރިޔާ އުސާމާ ރަބީ ވިދާޅުވީ 400 މީޓަރުގެ ދިގުމިނުގެ އާގު ބޯޓު ބީހެން މެދުވެރިވި މައިގަނޑު ސަބަބަކީ މޫސުން ގޯސްވުންކަމަށް ބުނެވެން ނެތްކަމަށް މިހާތަނަށް ބެލި ބެލުމުން ފެންނަކަމަށެވެ. އުސާމާ ވިދާޅުވީ މި ހާދިސާ މެދުވެރިވުމުގައި ޓެކްނިކަލް މައްސަލަތަކެއް ނުވަތަ ހިއުމަން އެރާއެއް އުޅުމަކީ ގާތްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމާއި ބެހޭ ތަހުޤީޤީ ރިޕޯޓު އާއްމުވުމުން ހުރިހާ ކަމެއް ސާފުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިސްރުގެ އޮފިޝަލުން ބުނާގޮތުން ސުއޭޒް ކެނަލް ބަންދުވުމާއި އެކެނަލްއިން ކޮންމެ ދުވަހަކު 12 މިލިއަން ޑޮލަރާއި 14 މިލިއަން ޑޮލަރާއި ދެމެދުގެ އާމްދަނީއެއް ދިޔައީ ގެއްލެމުންނެވެ.