ކުޅިވަރު

އިންގްލަންޑުން ބަލިނުވެ 23 މެޗް ހަމަކޮށްފި


2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް އައި ގައި އިންގްލަންޑާއި އަލްބޭނިއާ ބައްދަލުކުރިމެޗް އިންގްލަންޑް ކާމިޔާބުކޮށްފިއެވެ. އަލްބޭނިއާގެ ޓިރާނާގައި ކުޅުނު މިމެޗް އިންގްލަންޑް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑުންނެވެ. ނަމަވެސް މިމެޗްގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތު އެންމެ ފުރަތަމަ ލިބިގެންދިޔައީ އަލްބޭނިއާއަށެވެ. އަލްބޭނިއާގެ މީރްޓޯ އުޒުނީއަށް ލިބުނު ހުސް ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ބޭރަށެވެ. މިމެޗްގައި އިންގްލަންޑްގެ ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ހެރީ ކޭންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހައިދިނީ މޭސަން މައުންޓްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އިންގްލަންޑަށް ލިބިގެންދިޔައެވެ.

މިކާމިޔާބީއާއެކު އިންގްލަންޑް އިން މިވަނީ ވާރލްޑް ކަޕް ކޮލިފައިންގ ގައި ބަލިނުވެ 23 މެޗް ހަމަކޮށްފައެވެ. އަދި މިފަހަރުގެ ކޮލިފައިންގައި މިހާތަކަށް ކާމިޔާބުކުރި ދެމެޗާއި އެކު އިންގްލަންޑް އުޅެނީ ގްރޫޕް އައިގެ އެއްވަނައިގައެވެ. ދެވަނައިގައި އުޅޭ ޕޯލަންޑާއި އެންޑޯރާ ބައްދަލުކުރިމެޗް 3 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ޕޯލަންޑްއެވެ. އަދި ހަންގޭރީ އާއި ސެން މަރީނޯ ބައްދަލުކުރިމެޗް 3 ލަނޑުން ކާމިޔާބުކުރީ ހަންގޭރީއެވެ.

މިމުބާރާތުގައި މިއަންނަ ބުދަދުވަހު ރޭ އިންގްލަންޑާއި ޕޯޅަންޑް ބައްދަލުކުރާ މެޗް ވެގެންދާނީ މިގްރޫޕްގައި އެންމެ ފޯރިގަދަ ވާނެ ކުރިމަތިލުމަށެވެ.