ސިނާޢީ ރަށެއްގެ ގޮތުގައި މިފްކޯއިން ހިންގާ ފާދިއްޕޮޅު ފެލިވަރުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 75އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ރަށްރަށުގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކާއި ކްލަސްޓާތަކުގެ މައުލޫމާތު ހާމަކޮށްފައެވެ.
އެގޮތުން މިވަގުތު ރަށްރަށުން ފާހަގަކުރެވިފައިވާ ކްލަސްޓަރ ތަކުގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ފެލިވަރުންނެވެ.
ފެލިވަރުން އެންމެ އެންމެފުރަތަމަ ޕޮޒިޓިވްކޭސް ފެނިފައިވަނީ މިމަހުގެ 24 ވަނަދުވަހުގައެވެ. އެދުވަހު އެކަކު ޕޮޒިޓިވްވެފައިވާއިރު، 25ވަނަ ދުވަހު 4 މީހުން، 26ވަނަ ދުވަހު 66 މީހުން ޕޮޒިޓިވްވެފައިވާއިރު، ހޮނިހިރު ދުވަހު ހަތަރު މީހުން ޕޮިޒިޓިވްވެ، ފެލިވަރުގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދުވަނީ 75އަށް އަރާފައެވެ. އަދި ފެލިވަރު ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އެއަތޮޅު އޮޅުވެލިފުށިވެސް މިއަދުވަނީ މޮނީޓަރިންގެ ހާލަތައް ގެނެސްފައެވެ. މިއާއެކު ކުރެންދޫ ފިޔަވައި އެއަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަށްމިވަނީ މޮނިޓަރިންގެ ހާލަތުގައެވެ.
މީގެ އިތުރުން ދ. ކުޑަހުވަދޫން މިހާތަނަށް 24 މީހަކު ޕޮޒިޓިވްވެ، ރ. އުނގޫފާރުން 13 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މާލެ އަތޮޅު ހުރާއިން 52 މީހުން ޕޮޒިޓިވްފައިވާއިރު، ދިއްފުށިން 19 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ގދ. ތިނަދޫން 3 މީހަކުވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މި ރަށްތަކުގެ އިތުރުން، ދ. މީދޫ، ރ. މަޑުއްވަރި، އެއަތޮލޫ ހުޅުދުއްފާރާއި، އަލިފުށިވެސް ވަނީ މޮނީޓަރިންގެ ހާލަތަށްލާފައެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މާލެއަށްވުރެ ގިނަ ޕޮޒިޓިވްކޭސްތައް މީހުން ދިރިއުޅޭ ރަށްރަށާއި ސިނާޢީ ރަށްރަށުންވަނީ ޕޮިޒޓިވްވެފައެވެ. އެގޮތުން މާލެއިން 49 މީހުން ޕޮޒިޓިވްވެފައިވާއިރު، އެކި ރަށްރަށުން 46 މީހަކާއި 13 މީހަކު ސިނާޢީ ރަށްރަށުންވަނީ ޕޮޒިޓިވްވެފައެވެ.