ކުޅިވަރު

ރެޑްބުލް ވިނިންގ ފައިވް ކުޅުދުއްފުށީ ޗެމްޕިއަން ޒިގްޒެގް


ރެޑްބުލް ވިނިންގ ފައިވް ކުޅުދުއްފުށީ ކޮލިފައިން ރައުންޑްގެ ޗެމްޕިއަންކަން ޒިގްޒެގް ހޯދައިފިއެވެ. ނޮކްއައުޓް އުސޫލުން ކުރިއަށްގެންދިޔަ ކުޅުދުއްފުށީ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ޒިގްޒެގް ހޯދީ ފައިނަލްގައި ދަ ސްޓޯންއާއި ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި ދޭއް ސުމަކުން ކުރި ހޯދައިގެންނެވެ. ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ކޮލިފައިން ބުރުގައި ޖުމްލަ 31 ޓީމް ވަނީ ވާދަކޮށްފައެވެ. މި ޓީމްތަކުގެ ތެރޭގައި ހދ. ހަނިމާދޫ، ފިނޭ އަދި ނޮޅިވަރަމްގެ ޓީމްތައްވެސް ހިމެނެއެވެ. މާލޭގައި އޮންނަ ރެޑްބުލް ވިނިންގް ފައިވް ފައިނަލް ބުރަށް ކުޅުދުއްފުށިން ކޮލިފައިވި ދެ ޓީމަކީ ފައިނަލްގައި ވާދަކުރި ދެ ޓީމްކަމަށްވާ ޒިގްޒެގް އަދި ދަ ސްޓޯންސްއެވެ.ފައިނަލް ބުރުގެ މެޗްތައް ކުޅޭނީ ޑިސެމްބަރ މަހުއެވެ. ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް، އަދި ގދ.ތިނަދޫގެ ކޮލިފައިން ރައުންޑް މިހާރު ނިމިފައިވާއިރު، މި މަސްތެރޭގައި ގއ.ވިނލިގިލި، ޅ.ނައިފަރު، ބ.އޭދަފުށި އަދި ކ.ކާށިދޫގައި ކުޅެވޭ ކޮލިފައިން ބުރުގެ މެޗްތަކަށްފަހު މާލޭގައި ކުޅޭ ފައިނަލް ބުރުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް އަންނަ އަހަރު ޖޫންގައި ބްރެޒިލްގެ ސަންތޯސްއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.