ޚަބަރު

އިންޑިއާގެ އެހީގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ދެވަނަ އިންސްޓްޓޯލްމަންޓް ދީފި


އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާ 11 މަޝްރޫޢަކަށް ބޭނުންވާ ފައިސާގެ ދެވަނަ އިންސްޓްޓޯލްމަންޓް ރާއްޖެއަށް ދީފިއެވެ. މިއީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސްގެ ސްކީމްގެ ދަށުން ހިންގާ 11 ގްރާންޓް މަޝްރޫއެވެ. ދެވަނަ އިންސްޓޯލްމަންޓްގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވަނީ 11،607،994ރުފިޔާއެވެ. މި ފަންޑުގެ ފުރަތަމަ އިންސްޓޯލްމެންޓް އިންޑިއާއިން ދީފައިވަނީ މިދިޔަ އަހަރުގައެވެ. 10،154،198 ރުފިޔާއެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން 2019 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައި ސޮއި ކުރި އެމް.އޯ.ޔޫ ގެ ދަށުން އިޖްތިމާއީ ގޮތުން މުހިންމު 12 މަޝްރޫއުއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި އެމް.އޯ.ޔޫގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ޓޯޓަލް ގްރާންޓް އެލޮކޭޝަން އަކީ 5.6 މިލިއަން ޑޮލަރު ނުވަތަ 85 މިލިޔަން ރުފިޔާއެވެ. އެޗް.އައި.ސީ.ޑީ.ޕީ ތަކަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ތަރައްގީގެ ޑައިނެމިކް ގުޅުމުގެ މުހިންމު އެއް ތަނބެވެ. މި މަޝްރޫއުތަކަކީ ރަށްތަކުގެ ރައްޔިތުންގެ ބޭނުންތަށް ދެނެގަނެ، އެ ބޭނުންތައް ފުއްދުމަށްޓަކައި ފަންޑްކުރެވި، ލޯކަލް ކައިންސިލްތަކާއި މިނިސްޓްރީތަކުގެ ބެލުމުގެ ދަށުން ހިންގޭ މަޝްރޫއުތަކެކެވެ.

އެޗް.އައި.ސީ.ޑީ.ޕީ ސްކީމްގެ ދަށުން މިވަގުތު ދިވެހިރާއްޖޭގައި ކުރިއަށްދާ މަޝްރޫއު ތަކުގެ ތެރޭގައި އައްޑޫ ސިޓީގެ މަރަދޫ، ހިތަދޫ އަދި ހުޅުދޫގައި ގާއިމް ކުރެވޭ 3 މަސް ޕްރޮސެސިން ޕްލާންޓްގެ މަޝްރޫއުއާއި؛ އައްޑޫ ސިޓީގެ ފޭދޫ، މީދޫ، ހިތަދޫ، ހުޅުދޫ އަދި މަރަދޫ ގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ 5 ޓޫރިޒަމް ޒޯންގެ މަޝްރޫއު ހިމެނެއެވެ. މީގެ އިތުރަށް ހޯރަފުށީގައި ގާއިމް ކުރެވޭ ފެން ބަންދު ކުރާ ޕްލާންޓްގެ މަޝްރޫއުއާއި އައްޑޫ ސިޓީ ހުޅުދޫގައި ގާއިމްކުރެވޭ ޑްރަގް ޑީޓޮކްސް ސެންޓާރ މަޝްރޫއުއާއި ހަނިމާދޫ އެގްރިކަލްޗަރަލް ރިސާޗް ސެންޓަރުގައި ގާއިމް ކުރެވޭ ސޮއިލް ޓެސްޓިން ލެބް މަޝްރޫއު ހިމެނެއެވެ.

މި ދޫކުރި ދެވަނަ އިންސްޓޯލްމެންޓްގެ ބޭނުމަކީ މިހާރު ކުރިއަށް ދާ މަޝްރޫއުތަކުގެ މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް އެހީތެރިވުންކަމަށް އިންޑިއަން ހައިކޮމިޝނުން ވިދާޅުވެއެވެ. އަދި މިއހަރުގެ ފެބްރުއަރީ މަހުގެ 21 ގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި އެޗް.އައި.ސީ.ޑީ.ޕީ ސްކީމްގެ ދަށުން އިތުރު މަޝްރޫއުއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ނ.އަތޮޅު ކެންދިކުޅުދޫގައި މަސް ޕްރޮސެސިން ޕްލާންޓެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާ ސަރުކާރުގެ އުންމީދަކީ މި މަޝްރޫއު ތަކުގެ މަސައްކަތް އަވަހަށް ނިމި، ދިވެހިރާއްޖޭގެ ރަށްތަކުގެ މުޖުތަމައުތަކަށް މި މަޝްރޫއުތަކުގެ ފައިދާ ލިބެންފެށުމެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާގެ މެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިވެ، އައު ބާބެއް ފެށިގެން ދިއުމެވެ. އަދި މަޝްރޫއުތަކުގެ މަސައްކަތް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މަޑުޖެހުނު ކަމުގައި ވިޔަސް، 2021 ވަނަ އަހަރު ނިމުމަކާއި ހަމައަށް އައުމުގެ ކުރިން، މަޝްރޫއު ތަކުގެ އިމްޕްލިމެންޓިން އޭޖެންސީތައް ކަމަށްވާ ލޯކަލް ކައުންސިލް ތަކާއި މިނިސްޓްރީތައް ތަކުގެ ބުރަ މަސައްކަތުގެ ސަބަބުން މަސައްކަތްތައް ނިމިގެންދިޔުމެވެ.