ޚަބަރު

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން ކުރިއަށްވުރެ ހަރުދަނާ ވެއްޖެ - މިނިސްޓަރ ޝާހިދު


ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ގުޅުން ކުރިއަށްވުރެބޮޑަށް ހަރުދަނާވެފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބަންގްލަދޭޝްގެ 50ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ބަންގްލަދޭޝްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރަން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދުވަނީ ބަންގްލަދޭޝަށް މިނިވަންކަން ގެނެސް، ޑިމޮކްރެސީއާއި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގައި، ބަންގްލަދޭޝްގެ ބާނީ ޝެއިޚް މުޖީބުއްރަހުމާނުގެ މިންނެތް މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޢަބްދުލްޙާމިދުގެ ދައުވަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ބަންގްލަދޭޝަށް މިމަހު ކުރެއްވި ރަސްމީ ދަތުރުފުޅު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދުވަނީ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އައިސް އެކި ދާއިރާތަކުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން، ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ކޮށްދޭ މަސައްކަތް ފާހަގަކޮށް ޝުކުރު އަދަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލް، ފޮރިން ސެކްރެޓަރީ އަބްދުޣަފޫރު މުހައްމަދު، އެމްބެސެޑަރ-އެޓް-ލާރޖް އަހުމަދު ސަލީމުގެ އިތުރުން ދިވެހިސާރުކާރުގެ އެކި މުއައްސަސާތަކުގެ އޮފިޝަލުންނާއި ދިވެހިރާއްޖޭގައި ތިއްބަވާ ޑިޕްލޮމެޓުންޏާއި އދ.އާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުގެ އޮފިޝަލުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ވަރޗުއަލްކޮށް ބައިވެރިވިއެވެ.