ކުޅިވަރު

ބްރޭކަށްފަހު 3 ޕޮއިންޓް ލިބުމުން ހިންހަމަޖެހޭ: ނިޝްތާރު


ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ހުރެފައި ނިކުމެ، މެޗުން ތިން ޕޮއިންޓް ލިބުމުން ހިންހަމަޖެހޭކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުނެފިއެވެ. ގްރީން ސްޓްރީޓްސްއިން ޔުނައިޓަޑް ވިކްޓްރީ ބައްދަލުކުރި މެޗް ގްރީން ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ.

މެޗްއަށްފަހު ވާހަކަދައްކަމުން ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުނީ މިދިޔަ މަހުގެ ތިންވަނަ ދުވަހު ލީގް ހުއްޓާލުމާއި ގުޅިގެން ލީގް ފެށުމާއި ހަމައަށް އެންމެ ބޮޑު މަސައްކަތެއް ކުރީ ޓީމުގެ ކުޅުން އެއް ފެންވަރެއްގެ ހިފެހެއްޓުމަށްކަމަށާއި ޓީމަށް މާބޮޑު ބަދަލުތަކެއް ނުގެނެސް ޓީމް އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ. ލީގް ފަށާނެ ދުވަހެއް ނޭނގި ޓީމަށް މާބޮޑު ބަދަލުތަކެއް ގެނެސްފިނަމަ، އަލުން ލީގް ފަށާއިރު އުދަގޫތަކާއި ކުރިމަތިލާންޖެހޭނެކަމަށްވެސް ނިޝްތާރު ބުންޏެވެ.

ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާކަމަށްވާ އެންޖަލް ކަރެސްކޯޒާ މުނޯޒް ލައްވާ ނުކުޅުވީ އޭނާ އަނިޔާގައި ހުރުމުގެ ސަބަބުންކަމަށާއި އެންމެ ފަހު ވަގުތާއި ހަމައަށްވެސް މުނޯޒް ލައްވާ ކުޅުވަން މަސައްކަތް ކުރިކަމަށާއި ނަމަވެސް އަނިޔާގައި ހުރި ކުޅުންތެރިއަކު އަރުވަން އިތުރަށް އަނިޔާ ވުމުގެ ބިރު އޮތޮމުގެ ސަބަބުން އެކަން ކުރަން ބޭނުން ނުވީކަމަށްވެސް ނިޝްތާރު ބުންޏެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ކުރިއަށް އޮތް ވެލެންސިޔާ މެޗަށްކަމަށްވެސް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓަޑް ވިކްޓްރީގެ ކޯޗް އިހުސާން އަބްދުލް ޢަނީ ބުނީ މެޗުގައި ޓީމްގެ ފަރާތުން އެންމެ އެކަށީގެންވާ ކުޅުން ފެނިގެންނުދާކަމަށާއި ބްރޭކަށްފަހު އައިސް ކުޅުނު ފުރަތަމަ މެޗްގައި ޓީމްގެ ކެޕްޓަން މުހައްމަދު އާރިފް އަދި އާލިދް ނުލައި ކުޅެންޖެހުމުން އެތަން މެޗްގައި ވަރަށް ބޮޑަށް ދެއްކިކަމަށް އިހުސާން ބުންޏެވެ. މިސީޒަން ފެށިގެންވެސް ޔޫވީއަށް މާރަގަނޅު ކުޅުމެއް ދެއްކިފައެއްނުވެއެވެ. ކޯޗް އިހުސާއަބްދުލް ޢަނީ ބުނީ އަދިވެސް ގަބޫލް ކުރަނީ ޔޫވީގައި އޮތް ޓީމާއެކު އަދިވެސް ކާމިޔާބީ ހޯދޭނެކަމަށާއި މިއީ ޔޫވީ އޮންނަންޖެހޭ ހިސާބު ނޫންކަމަށް ގަބޫލް ކުރާކަމަށެވެ.

ދިވެހި ޕްރިމިއަރ ލީގްގެ ތާވަލްގައި ކުރިއަށް ޖެހިލުމަށް ޔޫވީއަށް މެޗަކުން މޮޅެއް ބޭނުންވާކަމަށާއި މިބްރޭކްގައި ކުޅެވުނު ފަރިތަކުންތަކުގައި ކުޅުންތެރިން ދެއްކި ކުޅުމާއި ގާތަށްވެސް ގްރީންއާއި ދެކޮޅަށް ކުޅުނު މެޗްގައި ކުޅެވިފައިނުވާކަމަށް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް އިހުސާން އަބްދުލް ޢަނީ ބުންޏެވެ.

މިމެޗުން ލިބުނު 3 ޕޮއިންޓްއާއެކު މިވަގުތު ގްރީން ސްޓްރީޓްސް އޮތީ އެޓީމް ކުޅުނު 9 މެޗުން ލިބުނު 14 ޕޮއިންޓްއާއެކު ތާވަލްގެ 4 ވަނާގައެވެ. ޔުނައިޓަޑް ވިކްޓްރީ އޮތީ ތާވަލްގެ އެންމެ ފުލުގައި 3 ޕޮއިންޓާއެކުއެވެ.