ކުޅިވަރު

މިހާރު އީގަލްސްގެ އަމާޒަކީ ގަދަ 6އެއް


މިހާރު ކުލަބް އީގަލްސްގެ އަމާޒްއަކީ ގަދަ 6އެއްގައި ހިމެނުންކަމަށް އެޓީމްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

މާލޭގައި ކޯވިޑްގެ ކޭސްތަށް އިތުރުވުމާއި ގުޅިގެން މިދިޔަ މަހުގެ ތިންވަނަ ދުވަހު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ހުއްޓާލިއިރު، ކުލަބް އީގަލްސް އޮތީ ތާވަލްގެ 7 ވަނާގައި 8 މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކުގައެވެ. ބޮޑު ބްރޭކަށްފަހު ލީގުގެ އަލުން ކުޅުން ފެށިއިރު، ފުރަތަމަ މެޗްގައި ކުލަބް އީގަލްސްއިންވަނީ ސަސްގެ މައްޗަށް 2 ލަނޑު 1 ލަނޑު ކުރި ހޯދާފައެވެ. މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ކުލަބް އީގަލްސްވަނީ ތާވަލްގެ 5 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެޓީމަށް މިހާރުވަނީ 9 މެޗުން 11 ޕޮއިންޓް ލިބިފައެވެ.

މެޗްއަށްފަހު ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ބްރޭކަށްފަހު އައިސް ފުރަތަމަ ކުޅުނު މެޗްގައި ޓީމްގެ ފަރާތުން ވަރަށް ގިނަ ކަންތައްތައް ރަގަނޅުކޮށް ފެނިގެން ގޮސްފައިވާކަމަށާއި 3 ޕޮއިންޓާއެކު މެޗް ނިންމާލެވުމުން ވަރަށް ހިންހަމަޖެހޭކަމަށެވެ. އަދި ގަދަ 6އެއްގެ ތެރެއަށް ވަނުމަށް ކުރަމުންދާ މަސައްކަތުގައި މިއީ ލިބުނު ވަރަށް މުހިންމު 3 ޕޮއިންޓްކަމަށް ޝާޒްލީ ބުންޏެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހުކޮޅުގައި ކުލަބް އީގަލްސްއާ ހަވާލުވި ކޯޗް މުހައްމަދު ޝާޒްލީ ބުނީ މިލިބުނު ބްރޭކްގައި ޓީމް ދަސްކުރަން ވަރަށް ވަގުތު ލިބުނުކަމަށާއި މިހާރު ވަކިވަކި ކުޅުންތެރިންވެސް ވަރަށް ރަގަނޅަށް އެގޭކަމަށެވެ. އަދި ޓީމް ލައްވާ ކުޅުވަން ބޭނުންވާ ގޮތަށް ޓީމް ސެޓް ކުރުމަށްވެސް ވަގުތު ލިބިފައިވާކަމަށް ޝާޒްލީ ބުންޏެވެ. މިބްރޭކްގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވީ އިދިކޮޅުން ނިކުންނަ ޓީމްތަކުގެ ފެންވަރު ނޭނގުންކަމަށެވެ.

މިއަންނަ މަހުގެ 7ވަނަ ދުވަހު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޗެންޕިއަން ތިންޕޫ ސިޓީއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް، ސަސް ބަލިކޮށް ލިބުނު ތިން ޕޮއިންޓްގެ ފައިދާ ވަރަށް ބޮޑަށް ކުރާނެކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން ސުޕަރ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗް މުހައްމަދު ޝިޔާޒްބުނީ މެޗުން ބަލިވިއިރުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިންހަމަނުޖެހޭކަމަށާއި ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ މިސްޕާސްތަކެއް ފެނިގެންދިޔަކަމަށެވެ. އަދި މިހާ ގިނަ ދުވަސްތަކެއް ކޮށްފައި މެޗް ކުޅެންޖެހުމުން، އުދަގޫތަކެއް ހުރިކަމަށް މޯހަން ބުންޏެވެ. ކުޅުންތެރިންގެ މެޗް ފިޓްނަސްގެ މައްސަލަ ދިމާވެފައިވާއިރު، ކައިރިކައިރީގައި މެޗްތައް ކުޅެން ޖެހުމަކީ މިހާރު ޓީމަށް ދިމާވާނެ ވަރަށް ބޮޑު މައްސަލެއް އަދި ބެންޗުން އަރަން މާގިނަ ކުޅުންތެރިންތަކެއް ނެތުމާއެކު މިއީ ވަރަށް ބޮޑަށް މިހާރު ވިސްނަން ޖެހިފައިވާކަމެއްކަމަށް ސަސްގެ ކޯޗް މުހައްމަދު ޝިޔާޒް ބުންޏެވެ. ކޯޗް ބުނީ މެޗުން ބަލިވުމުގައި ފައިނަލް ޕާސް ދިނުމުގައި މަސައްލަ ޓީމު ތެރޭގައި އުޅޭކަމަށާއި ގޯލެއް ޖަހަން ލިބޭ ފުރުސަތުގައި ޕާސް ދިނުން އަދި ގޯލެއް ޖަހަންވެސް ލަސްކުރާތަން ވަރަށް ބޮޑަށް ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަކަމަށް ކޯޗް ފާހަގަކުރި އަދި ކުރިއަށް ހުރި މެޗްތަކުގައި މިކަންތައްތައް ރަގަނޅު ކުރުމަށް ވަރަށްބޮނޑަށް ސަމާލުކަން ދޭނެކަމަށްވެސް ސަސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ.

މެޗުން ބަލިވުމުން ސަސްވަނީ ތާވަލްގެ 7ވަނައަށް ވެއްޓިފައެވެ. އެޓީމަށް 9 މެޗުން ލިބިފައިވަނީ 8 ޕޮއިންޓެވެ.