ޚަބަރު

ސަންގު ޓީވީއަށް ފުލުހުން ވަނީ ސާފު ހެކި ހުރެގެން - ޕޮލިސް


ރައީސުލްޖުމްހޫރިއްޔާއަށާއި، ނައިބު ރައީސްއަށް އިންޒާރުދީ ޔޫޓިއުބްގައި
އަޕްލޯޑްކޮށްފައިވާ ވީޑިއޯ އަކީ ސަންގު ޓީވީގެ ތެރެއިން އަޕްލޯޑްކޮށްފައިވާ
ވީޑިއޯއެއް ކަމަށް ޔަގީން ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން މިރޭ
ބޭއްވި  ނޫސްވެރިންގެ ބައްދަލްވުމުގައި
ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ،
9 މޭގައި ސަރުކާރުގެ އިސްވެރިންނަށް އިންޒާރުދީ އަޕްލޯޑްކޮށްފައިވާ ވީޑިއޯއަކީ
ސަންގުޓީވީގެ ކޮމްޕިއުޓަރެއް މެދުވެރިކޮށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއެއް ކަމަށް
ފުލުހުންނަށް ޔަގީން ވެފައިވާ ކަމަށާއި، ވީޑިއޯ އަޕްލޯޑްކުރި ކޮމްޕިއުޓަރުގެ
އައި.ޕީ އެޑްރެސްއަކީ ސަންގުޓީވީ ތެރޭގައި ހުރި ކޮމްޕިއުޓަރު ސިސްޓަމެއް ކަމަށެވެ.


ނަވާޒު ވިދާޅުވީ، ރޭ ހިންގި އޮޕަރޭޝަންގައި ސަންގު ޓީވީއަށްވަދެ ފުލުހުން
ހޯދި ތަކެތި ޕްރޮސެސްކުރަމުންދާ ކަމަށާއި، އެތަކެތި އަދި ހަވާލުނުކުރާ ކަމަށެވެ.







ނަމަވެސް، ތަހުގީގު ނިމުމުން ތަކެތި ސަންގުޓީވީއާއި ހަވާލުކުރާނެ ކަމަށް
ނަވާޒު ވިދާޅުވިއެވެ. ނަވާޒުވަނީ ސަންގުޓީވީގެ ތެރެއިން ކޮށްފައިވަނީ ކުށެއް
ކަމަށް ވިދާޅުވެފައެވެ. އަދި މިނިވަން މީޑިޔާތަކަކީ ކުށަށް އަރައިގަންނަ
ހާއްޔަކަށް ވުމަށް ފުލުހުން ނޭދޭ ކަމަށް ނަވާޒު ވިދާޅުވިއެވެ. 

ސަންގުޓީވީއަށް ރޭ ފުލުހުން ވަންނަން ހިފައިގެން ދިޔަ ކޯޓު އަމުރުގައިވަނީ، ފުލުހުންނަށް ލިބިފައިވާ ހެއްކަކީ "ޔޫޓިއުބު" އިން ލިބިފައިވާ މަޢުލޫމާތެއް ކަމަށެވެ.