ވިޔަފާރި

ސުއޭޒް ކެނަލް ބަންދުވުން - ރާއްޖެއަށް ގެންނަ މުދަލަށް ވާނީ ކިހިނެތް؟


ސުއޭޒް ކެނަލްއަށް ބީހިފައިވާ ބޯޓެއް ބީހި، ކެނަލް ބަންދުވުމުން ރާއްޖެއަށް ގެންނަ މުދަލެއް ކުރާނެ އަސަރެއް ބުނަން އަދި އަވަސްކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ސުއޭޒް ކެނަލްގެ ހުޅަނގުން އޮންނަ ބަނދަރުތަކުން ކެނަލް ހުރަސްކުރުމަށްފަހު ރާއްޖެއަށް ސީދާ ދަތުުރުކުރާ ބޯޓުތަކެއް ނުހުންނަ ކަމަށެވެ. ނަމަވެސް ޔޫރަޕާއި، އެމެރިކާ ބައްރުގެ ޤައުމުތަކުން މުދާ ގެންނަ ބައެއް ބޯޓުތައް ސުއޭޒް ކެނަލް ހުރަސްކޮށް، އެހެން ޤައުމުތަކުގެ ބަނދަރުކުރުމަށްފަހު ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

" ފުދޭވަރަކަށް ގިނަ ކޮންޓެއިނަރތައް އަންނާނެ، ޔޫރަޕުން އަދި އެމެރިކާއިން، އެ އަންނަ ކޮންޓެއިނަރތައްވެސް ކެނަލް ހުރަސްކޮށްފަ، ދުބާއީ އަދި ކޮލޮމްބޯގައި ޓްރާންސިޓްވެފަ، ރާއްޖެއަށް އަންނާނެ، އެ ކޮންޓެއިނަރތައް ޑިލޭވާނެ، އެހެން ނަމަވެސް ޑައިރެކްޓް ކޯލްއެއް ކުރާ ބޯޓެއް ނޫޅޭނެ، އެހެންވީމަ ނޭންނޭގޭ އަޅުގަނޑުމެންނަކަށް ކިހާ އަދަދެއްގެ ކޮންޓެއިނަރ ކަމެއް އެއީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއަށް މިކަމުގެ ސަބަބުން ކުރާނެ އަސަރުތައް އެނގެން ދެ ހަފްތާއެއް ވަރު ނަގާނެކަމަށެވެ.

" އާއްމުކޮށް ސުއޭޒް ކެނަލްއިން ދުބާއީއަށް އައިސްސަ ކޮލޮމްބޯއަށް އައިސްސަ މާލެ އަންނަން 10 ވަރަކަށް 15 ވަރަކަށް ދުވަސް ނަގާނެ، އަދި މިވީ 5 ދުވަސް، އަދި ހަފްތާއެއް ދެހަފްތާއެއް ވަރު ފަހުން ސީދާ އެނގޭނީ ކުރާނެ އަސަރުތައް ބުނަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ކާބޯތަކެތީގެ ބާވަތްތައް އަންނަ ކަމަށެވެ. އެހެންކަމުން މި ތަކެތި ލިބުމުގައި ލަސްތަކެއް އުޅޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ޝިޕިންގ ކުންފުނިތަކުންވެސް ވަނީ ޔޫރަޕުން ގެންނަ މުދާ ލަސްވުމުގެ މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް ބުނެފައެވެ. އެގޮތުން ބީހިފައިވާ ބޯޓު ފުންކުރުން ލަސްވާވަރަކަށް މުދާ ގެނައުން ލަސްވެގެންދާނެކަން ބައެއް ކުންފުނިތަކުން ފާހަގަކުރެއެވެ.

މިދިޔަ އަންގާރަދުވަހު ހެނދުނުގެ ވަގުތެއްގައި ޓައިވާނުގެ "އެވަރގްރީން" ކުންފުނިން ލީސްކޮށްފައިވާ "އެވަރގިވަން" ނަމަކަށް ކިޔާ ކާގޯ ބޯޓު މިސްރުގެ ސުއޭސް ކެނަލްއަށް ބީހުނީ މޫސް ގޯސްވި ވަގުތެއްގައި، ބޯޓުން ކަރަންޓްވެސް ކެނޑިފައިވަނިކޮށެވެ.

މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބެލުމަށްފަހު ބޯޓު ފުންކުރަން އިތުރު ދެތިން ދުވަސް ނަގާނެކަމަށް ސުއޭޒް ކެނަލް އޮޕަރޭޓްކުރާ އޮތޯރިޓީގެ އޮފިޝަލުން ބުނެއެވެ. މީގެކުރިންވެސް ބައެއް ބޯޓުތައް ސުއޭސް ކެނަލްއަށް ބީހިފައިވީނަމަވެސް، މިއީ ސުއޭޒް ކެނަލްގެ 150 އަހަރުވީ ދިގު ތާރީހުގައި ދިމާވި މިފަދަ އެންމެ ބޮޑު ހާދިސާއެވެ.