ކުޅިވަރު

ކޮލިފައިންގައި ސަރބިއާ އާއި ޕޯޗުގަލް މެޗް އެއްވަރު


2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް އޭގައި ސަރބިއާ އާއި ޕޯޗުގަލް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ސަރބިއާގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޕޯޗުގަލްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ސަރބިއާއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ޕޯޗުގަލްއިން މޮޅު ކުޅުމެއް ދެއްކިއިރު ދެވަނަ ހާފްވެގެންދިޔައި ސަރބިއާއިން މޮޅަށް ކުޅުނު ހާފަކަށެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ހާފްގައި ޕޯޗުގަލްއިން ވަނީ ދެ ލަނޑު ޖަހާ ރަނގަޅު ލީޑެއް ނަގާފައެވެ. މިދެލަނޑު މެޗްގެ 11 ވަނަ މިނެޓާއި 36 ވަނަ މިނެޓްގައި ޖަހާދިނީ ޑިއޭގޯ ޖޮޓާއެވެ. ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ސަރްބިއާ ފެނިގެންދިޔައީ މާވަރުގަދަކޮށެވެ. މިގޮތުން މެޗްގެ 46 ވަނަ މިނެޓްގައި ސަރބިއާގެ އެލެގްސެންޑަރ މިޓްރޮވިޗްވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މިލަނޑާއެކު މިޓްރޮވިޗް ވެގެން ގޮސްފައިވަނީ ސަރބިއާ އާއި ކުރިގެ ޔުގޮސްލާވިއާއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. މިޓްރޮވިޗްވަނީ 39 ލަނޑު ޖަހާފައެވެ. މި ރިކޯޑް ކުރިން އޮތީ ކުރީގެ ޔުގޮސްލާވިއާގެ ކުޅުންތެރިޔާ ސްޓެޕަން ބޮބެކްއަތުގައެވެ. މިމެޗްގައި ސަރބިއާގެ ދެވަނަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހާދިނީ ފިލިޕް ކޮސްޓިޗްއެވެ. މިމެޗްގެ އިތުރު ވަގުތުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލަށް ފޮނުވާލި ހަމަލާއެއް ގޯލް ލައިން ހުރަސް ނުކުރާކަމަށް ރެފްރީ ނިންމުމާއި ގުޅިގެން ރޮނާލްޑޯ އާއި ޕޯޗުގަލްއިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. މިމެޗްގައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުން ކޮށްފައެއް ނުވެއެވެ.

މެޗަށްފަހު އިންސްޓަގްރާމްގައި ރޮނާލްޑޯވަނީ ރެފްރީގެ ބައެއް ނިންމުންތައް ބަލައިގަންނަން ބައެއް ފަހަރު ދަތިވާ ކަމަށާއި ހާއްސަކޮށް އެނިންމުންތަކަކީ މުޅި ޤައުމަށް އޭގެ އަސަރު ކުރާ ނިންމުން ތަކެއް ކަމުގައި ވާނަމަ ކަމުގައި ހާމަކޮށްފައެވެ. ރޭގެ މެޗް ވެގެން ގޮސްފައިވަނީ ޕޯޗުގަލްގެ ކޯޗް ފެނާންޑޯ ސަންޓޯސް ކޯޗެއްގެ ގޮތުން ހަރަކާތްތެރިވި 1000 ވަނަ މެޗެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސަންތޯސް ހާމަކުރިގޮތުގައި މެޗަށްފަހު ރެފްރީ ވަނީ އޭނާ ގާތުން މައާފަށް އެދިފައިކަމަށެވެ. ސަންތޯސް ހާމަކުރިގޮތުގައި ރޮނާލްޑޯ ޖެހި ބޯޅަ އެއީ ގޯލެއް ކަމަށާއި ނަމަވެސް މިހާރު އެކަމާއި ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.