ކުޅިވަރު

ގްރޯން ޕްރީގެ ކޮލިފައިންގެ އެއްވަނަ ވަރސްޓަޕެންއަށް


ފޯމިއުލަރ ވަން ކާރު ރޭސް ސީޒަންގެ ފުރަތަމަ ރޭސް ކަމަށްވާ ބަހްރެއިން ގްރޯން ޕްރީގެ ކޮލިފައިންގ ކާމިޔާބުކޮށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރޭސް އެންމެ ކުރީގައި އޮވެގެން ފެށުމުގެ ފުރުސަތު ރެޑްބުލް ޓީމްގެ މެކްސް ވަރސްޓަޕެން ހޯދައިފިއެވެ. ވަރސްޓަޕެން ކޮލިފައިން ކާމިޔާބުކުރީ އެންމެފަހުގެ އެފް ވަން ޗެމްޕިއަން މަރސިޑީޒްގެ ލުއިސް ހެމިލްޓަން ފަހަތަށް ޖައްސާލުމަށްފަހުއެވެ.

އިއްޔެ މެންދުރުފަހު ބޭއްވި ކޮލިފައިންގައި ވަރސްޓަޕެން ކުރިހޯދާފައިވަނީ ހެމިލްޓަންއަށްވުރެ ސުމެއް ޕޮއިންޓް ތިނެއް އަށެއް އަށެއް ސިކުންތު ކުރިން ނިންމައިގެންނެވެ. ކޮލިފައިންގައި ދެވަނަ ހެމިލްޓައަށް ލިބުނު އިރު ތިންވަނަ އަށް ދިޔައީ މަރސިޑީޒްގެ ދެވަނަ ޑްރައިވަރ ވެލްޓެރީ ބޮޓާސްއެވެ. އަދި ހަތަރުވަނައަށް ފެރާރީގެ ޗާލްސް ލެލާރކް ދިޔައިރު ފަސްވަނަ މަޤާމްގައި ކޮލިފައިންގ ނިންމާލީ އަލްފާ ޓައުރީގެ ޕިއަރ ގަސްލީއެވެ.

ކޮލިފައިންގ އަށްފަހު ވާހަކަ ދައްކަމުން ވަރސްޓަޕެން ހާމަކުރިގޮތުގައި މިއަދުގެ ރޭސް އެންމެ ކުރީގައި އޮވެގެން ފެށުމުގެ ފުރުސަތު ހޯދުނީތީ ވަރަށް އުފާވާކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ޓެސްޓް ކުރުގެ ހަފްތާ ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އަދި މިހާތަނަށް ހުރިހާ ކަމެއްވެސް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް މިއަދު ވާނީ ކިހިނެއް ކަމެއް ނޭނގޭ ކަމަށާއި އުންމީދަނީ ސީޒަންގެ ފުރަތަމަ ރޭސް ކާމިޔާބުކުރުން ކަމަށް އޭނާ ހާމަކުރިއެވެ.
ހެމިލްޓަން ހާމަކުރިގޮތުގައި ވަރސްޓަޕެންވަނީ މިފަހަރު ވަރަށް ރަނގަޅަށް ދުއްވާފައިކަމަށެވެ. އަދި އޭނާ ފަހު ލެޕްގައި ދުއްވާފައިއެވަނީ ވަރަށް ބާރަށް ކަމަށާއި ހެމިލްޓަންއަށް ދުއްވުނު އެންމެ ބާރަކަށް ކޮލިފައިންގައި ދުއްވިކަމަށެވެ. ނަމަވެސް އެވަރުންވެސް ވަރސްޓަޕެން ފަހަތަށް ޖައްސާލެވޭވަރު މިފަހަރު ނުވީކަމަށް ހެމިލްޓަން ހާމަކުރިއެވެ.