ވިޔަފާރި

މިއަހަރުގެ ޑަބްލިއު.ޓީ.އެމް ފެއަރ ވަރަށް ކާމިޔާބު - މިނިސްޓަރ


އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ ކަމަށްވާ ވޯލްޑް ޓްރެވެލް މާކެޓް ފެއަރގެ ރާއްޖޭގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބިފައި ވާކަމަށާއި މިއީ ކާމިޔާބު ފެއާއެއް ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމް.އެމް.ޕީ.އާރު.ސީން، މިފެއަރގައި ރާއްޖެ ތަމްސީލުކޮށްދީފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ 57 ކުންފުންޏަކުން މި ފެއަރގައި މަންދޫބުން ބައިވެރިކޮށްފައިވެއެވެ. ލަންޑަނުގައި އޮތް ޑަބްލިއުޓީއެމް ފެއަރގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ފަހު މާލެވަޑައިގެން ޕީއެސްއެމަށް ދެއްވި ހާއްސަ ބަސްދީގަތުމުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މިދިޔަ އަހަރާއި އަޅާ ބަލާއިރު ޔޫރަޕުގެ އިޤްތިސާދު މިހާރު ރަނގަޅުވެފައި ވާތީ، ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ކުރިއަށް އޮތްތަނުގައި އިތުރުވާނެ ކަމަށެވެ. އަދި އިނގިރޭސިވިލާތުން ރާއްޖަށް ފަތުރުވެރިން ގެންނަ ޓްރެވަލް އަދި ޓުއަރ އޮޕަރޭޓަރުންގެ ބުކިންގ ވެސް އިތުރުވަމުން އަންނަކަމަށް އެފަރާތްތަކުން މަޢުލޫމާތު ދީފައި ވާކަމަށް ޒަމީރު ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިއެރުވުމަށް ނިންމަވާފައިވާ ނިންމެވުންތަކާއި ކުރިއަށް ރާއްވަވާފައި ހުރި ކަންކަން، ދާއިރާއާ ގުޅުންހުރި އެކިފަރާތްތަކާއި އެމަނިކުފާނު ހިއްސާކުރެއްވިކަމަށެވެ. އަދި އަންނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އިޔާރގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވާ އަހަރުކަމަށް ވުމާއިއެކު އެކަމުގެ މަޢުލޫމާތުވެސް ފެއަރގެ ތެރެއިން ވަރަށް ފުޅާދާއިރާއެއްގައި ހިއްސާ ކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެކިއެކި ކުންފުނިތަކުން ސީދާގޮތެއްގައި މަޢުލޫމާތު ހިއްސާކުރުމަށް ފުރުސަތު ލިބޭނެހެން، އިނގިރޭސި ވިލާތުގައި ބާއްވާ ފަތުރުވެރިކަމާއި ގުޅޭ އެންމެ ބޮޑު ފެއަރގައި ރައްޖެއިން އަންނަނީ ބައިވެރިވަމުންނެވެ. އަދި މި ފެއަރގައި ރާއްޖެއިން ތައްޔާރުކުރާ ސްޓޯލަށް ގިނަބެއްގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބެމުންދެއެވެ. މި އަހަރުގެ ފެއަރ ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.