ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލަ ތަޙްޤީޤުކުރަން އިސްވެ އެންގެވީ ސީދާ ސަރުކާރުން - ރައީސް އޮފީސް


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް އޮތްތޯބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި ފުލުހުންނަށް އިސްވެ އެންގެވީ ސީދާ ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެޖެއެވެ. އެއޮފީހުން މިހެން ވިދާޅުވީ މިރޭ ނެރުއްވި ނޫސްބަޔާނެއްގައެވެ.

ރައީސް އޮފީހުން ވިދާޅުވީ ކޯވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާކަމަށް ޞިއްޙީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރތައް އަވަހަށް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ކުރިއަށްގެންދިޔަ މުޢާމަލާތްތަކާއި ގުޅޭގޮތުން "ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް- މިނިސްޓްރީ އޮފް ހެލްތް"ގެ ނަމުގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓް ގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައިވާކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ ޢަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، ފުލުހުންނަށް އެމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް ސީދާ ސަރުކާރުން އަންގަވާފައިވާނެކަމަށެވެ.

އެގޮތުން، މިމައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ޤާނޫނު އަސާސީއިން އެކަން މަތިކޮށްފައިވާ މުސްތަޤިއްލު ކޮމިޝަން، "އެންޓި-ކޮރަޕްޝަން ކޮމިޝަން"އިންކަން ރައީސް އޮފީހުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެމުއައްސަސާއިން ކުރެއްވި ތަޙްޤީޤަށް ބޭނުންވި އެންމެހައި މަޢުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާފައިވާނެކަމަށްވެސް އެބަޔާނުގައި ވެއެވެ. އަދި ތަޙްޤީޤް ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއި އެކު މައްސަލަ ތަޙްޤީޤް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެމައްސަލައިގައި ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން، ތަޙްޤީޤް ނިމެންދެން މަސައްކަތުން އެކަހެރި ކުރެއްވިކަންވެސް ރައީސް އޮފީހުންވަނީ ފާހަގަކުރައްވާފައެވެ.

ދައުލަތުން އުފުލާ ދަޢުވާ ތަކުގެ ކަންކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްއާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މުސްތަޤިއްލުކަން ޤާނޫނު އަސާސީއިން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތަޢައްޞުބެއް ނެތި މިނިވަންކަމާއި، ޢަދުލުވެރިކަމާއި އެކު ދަޢުވާތައް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށްވާތީ، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިފަދަ އުޞޫލުތައް ނަގަހައްޓައި، އެންމެހައި މީސްތަކުންގެ ޙައްޤުތައް ރައްކައުތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީއިން ލާޒިމް ކުރާ ކަން ރައީސް އޮފީހުންވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ނަގަހައްޓައި އެ ޙައްޤުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.