މިރޭވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެގޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
އެއިދާރައިން ވިދާޅުވާގޮތުގައި މިރޭ 7:45އިން ފެށިން 11:00އާ ހަމައަށް ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާހަމައަށް ބާރަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން އެއިދާރާއިން އެސަރަޙައްދަށް "ޔެލޯ އެލަރޓް" ނުވަތަ ރީނދޫ ސަމާލު ނެރެފައެވެ.
މީގެއިތުރުން މިރޭ މެންދަމު 12:30އާ ހަމައަށް ހއ.އަތޮޅުން ފެށިގެން ލ.އަތޮޅާހަމައަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކޮށް އެސަރަޙައްދަށް ވަނީ "ވައިޓް އެލަރޓް" ނުވަތަ ޙުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ މިރޭ 7:30އިން ފެށިގެން 12:30އާ ހަމައަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހއ.އަތޮޅުންފެށިގެން ލ.އަތޮޅުތަކުގެ ރަށްތަކާހަމައަށް ހިމެނޭ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ގާތްގަނޑަކަށް ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.
މިރޭ 8:00އިން މާދަމާ ހެނދުނު 8:00އާ ހަމައަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރެވޭ ގޮތަށް ބަލާލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާ، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް އެއިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާ، ރާޅުގެ އުސްމިންގައި 3 ފޫޓާއި 6 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީވެ މޫސުމަށް ސަމާލު ވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.