ކުޅިވަރު

ސަސްގެ މައްޗަށް ކުލަބް އީގަލްސްއިން ކުރި ހޯދައިފި


ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ސަސްގެ މައްޗަށް ކުލަބް އީގަލްސްއިން ކުރި ހޯދައިފިއެވެ. މާލޭގައި ކޯވިޑްގެ ކޭސްތަށް އިތުރުވުމާއި ގުޅިގެން ލީގް ހުއްޓާލާފައި އޮތުމުގެ ސަބަބުން ކުލަބްތަކުންވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ލީގް އަލުން ފެށުމުން އެންމެ ބޮޑު ފައިދާއެއް ކުރާނީ އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި މިއަންނަ މަހުގެ 7ވަނަ ދުވަހު ބޫޓާންގެ ޗެންޕިއަން ތިންޕޫ ސީޓީ އާއި ކުލަބް އީގަލްސް ވާދަކުރާ މެޗްއާއި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގައި ވާދަކުރާ މާޒިޔާއަށެވެ.

ގިނަ ދުވަސްތަކަށްފަހު ލީގް މެދު ކަޑާލާފައި އޮތުމަށްފަހު ކުޅުނު މިމެޗްގައި ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗްގެ 9ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑްނެގީ އީގަލްސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޯމިޝިން ވްލަޑިސްލަވްއެވެ. އީގަލްސްއަށް ލީޑް ފުޅާކޮށްދީ އެޓީމްގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކޯމިޝިން ވްލަޑިސްލަވްއެވެ. ދެވަނަ ހާފްގައި ސަސްއިންވަނީ ކުޅުން ރަގަނޅުކޮށް، ލަނޑެއް ޖެހުމަށް މަސައްކަތްކޮށްފައެވެ. ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ސަސްއިން ކުރަމުންދިޔަ މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗްގެ 87ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސަސްގެ ބީދޭސީ ކުޅުންތެރިޔާ މަހޯލީއެވެ.