ވިޔަފާރި

ކޯވިޑްގެ ކޭސްތައް ފެނުނުނަމަވެސް ފެލިވަރުން ފޯރުކޮށްދޭ ޚިދުމަތަށް ބުރޫއެއް ނާރާނެ: މިފްކޯ


ޅ. ފެލިވަރުގައި މަސައްކަތްކުރާ މިފްކޯގެ ބައެއް މުވައްޒަފުން ކޯވިޑް19އަށް ޕޮޒިޓިވިޔަސް އެތަނުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކަށް ބުރޫއެއް ނާރާނެކަމަށް މިފްކޯއިން ބުނެފިއެވެ.

ކޯވިޑްގެ ކޭސްއެއް ފެނުމުގެ ސަބަބުން ޅ. ފެލިވަރު މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯއިން ވިދާޅުވީ، އެ ކުންފުނީގެ ބައެއް މުވައްޒަފުން ކޯވިޑް19އަށް ޕޮޒިޓިވްވެފައިވީނަމަވެސް އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބުރޫނާރާނެކަމަށެވެ. ވަކިން ޚާއްސަކޮށް މިފްކޯއިން މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ނުހުއްޓި ކުރިއެކޭވެސް އެއްގޮތަށް ފޯރުކޮށްދެމުންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މަސްވެރިން ބާނާ މަސް މިފްކޯގެ މަސް ބޯޓަށް ކިރުވޭނެކަމަށާއި، މަސްވެރިންނަށް ބޭނުންވާ އައިސްގެ އިތުރުން ތެޔޮ ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަމަށް މިފްކޯއިން ބުނެއެވެ. އައިސްގެ އިތުރުން ތެޔޮ ލިބޭނެ އިންތިޒާމް ފެލިވަރު ބަނދަރުގައި ހަމަޖެހިފައިވީނަމަވެސް އެއްވެސް ބޯޓެއްގެ ފަޅުވެރިޔަކު މި ދަނޑިވަޅުގައި ފެލިވަރަށް ނުފައިބާނެކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ ރާއްޖޭގައި ކޯވިޑް19ގެ ކޭސްތައް ފެނުނު ހިސާބުން މިފަދަ ހާލަތެއް ދިމާވެދާނެކަމަށް އެ ކުންފުނިން ވަނީ ފުރިހަމައަށް ތައްޔާރުވެފައިކަމަށެވެ. އެގޮތުން އެޗްޕީއޭގެ މިންގަނޑާއި އެއްގޮތައް ކޯވިޑް19 އެސްއޯޕީއެއް ތައްޔާރުކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ.މި އެސްއޯޕީގައި ކޯވިޑްގެ ކޭސްއެއް މިފްކޯގެ ސައިޓަކުން ފެނިއްޖެނަމަ ކަންކަން ކުރާނެގޮތާއި، ރަށަށް އަރާ ފޭބުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅާފައިވާކަމަށެވެ. އަދި އެކަންކަމަށް ބަރާބަރަށް އެ ކުންފުނިން އަމަލުކުރަމުންދާކަމަށް މިފްކޯއިން ބުނެއެވެ.

މިފަދަ ހާލަތެއް ދިމާވެއްޖެނަމަ މިފްކޯގެ އުފެއްދުންތައްވެސް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އިތުރު ސްޓޮކްތައްވެސް ތައްޔާރުކޮށް ގެންގުޅޭތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާކަމަށް މިފްކޯއިން ބުނެއެވެ. އެހެންކަމުން މިފްކޯގެ އެއްވެސް އުފެއްދުމެއް ހުސްނުވެ ކަސްޓަމަރުންނަށް ލިބޭނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.