ޚަބަރު

ރައީސްގެ އަނބިކަނބަލުން ގެކޮޅަށް ބަދަލުކުރައްވައިފި


ރިޔާސީ ލޯންޗްކޮޅުގައި ދެވުނު ބޮމުގެ ހަމަލާގައި ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، އައި.ޖީ.އެމް.އެޗުން ގެކޮޅަށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބަދަލުކުރައްވައިފިއެވެ.  މިކަން ޕީ.ޕީ.އެމްގެ އިސް އޮފިޝަލަކު މިއަދުވަނީ ޕީ.އެސް.އެމްއަށް ކަށަވަރުކޮށްދެއްވާފައެވެ. ޕީ.ޕީ.އެމްގެ އޮފިޝަލެއް ވިދާޅުވީ އެކަމަނާ ގެކޮޅަށް ބަދަލުކުރެއްވީ ހާލަތު ވަރަށް ރަގަޅުވުމުން ކަމަށާއި، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާގޮތަށް އަދި ހަމަޖެހިފައިނުވާ ކަމަށެވެ. ރައީސްގެ ދެކަނބަލުން ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރެއްވުމަށްފަހު މާލެވަޑައިގެން ދުވަހު ރައީސް އަވަހާރަކޮށްލުމަށް ދެވުނު ނާކާމިޔާބު ހަމަލާގައި އެންމެ ބޮޑަށް ޒަޚަމްވެވަޑައިގެންފައިވަނީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށެވެ. އެ ހާދިސާއަށްފަހު މިއަދާ ހަމައަށް އެކަމަނާ ގެންދެވީ ޑޮކްޓަރުންގެ ލަފާގެ މަތިން އައި.ޖީ.އެމް.އެޗްގައި އޮންނަވައިގެން ފަރުވާ ހޯއްދަވަމުންނެވެ.