ދުނިޔޭގެ ވިޔަފާރި

ސުއޭޒް ކެނަލްއަށް ބީހިފައިވާ ބޯޓު އަދިވެސް ފުން ނުކުރެވޭ!


ސުއޭޒް ކެނަލްއަށް ބީހިފައިވާ ބޯޓު ފުންކުރުމަށް އިތުރު ދެތިން ދުވަސް ނަގާނެކަމަށް އެމަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެފިއެވެ.

މިދިޔަ އަންގާރަދުވަހު އެވަރގިވަން ނަމަކަށް ކިޔާ ބޮޑު އާގުބޯޓެއް މަޝްހޫރު ސުއޭޒް ކެނަލްއަށް ހުރަސްވެ، ކެނަލް ބަންދުވުމާއި ގުޅިގެން، އެސަރަޙައްދުގައި ބޯޓުތައް ފުނިޖެހުމުންދާކަމަށް ޚަބަރުތައް ބުނެއެވެ.

އަންގާރަދުވަހު ހެނދުނުގެ ވަގުތެއްގައި ޓައިވާނުގެ "އެވަރގްރީން" ކުންފުނިން ލީސްކޮށްފައިވާ "އެވަރގިވަން" ނަމަކަށް ކިޔާ ކާގޯ ބޯޓު މިސްރުގެ ސުއޭސް ކެނަލްއަށް ބީހުނީ މޫސް ގޯސްވި ވަގުތެއްގައި، ބޯޓުން ކަރަންޓްވެސް ކެނޑިފައިވަނިކޮށެވެ. 2 ލައްކަ ޓަނުގެ މިބޯޓަކީ ރެޑްސީން ނެދަލެންޑްސްގެ ރޮޓަރޑަމްއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މިބޯޓުގެ ދިގުމިނުގައި 400 މީޓަރު ހުންނައިރު، އެއީ ގާތްގަނޑަކަށް 4 ފުޓްބޯޅަ ދަނޑުގެ ދިގުމިނެވެ. އަދި މިއީ 20 ހާސް ކޮންޓެއިނަރ އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ބޮޑު އުޅަނދެކެވެ. ޓައިވާނުގެ ކުންފުންޏަކަށް ނިސްބަތްވާ މި އުޅަނދު މިވަގުތު އޮތީ އެހެން ބަޔަކަށް ކުއްޔަށް ދީފައެވެ.

ޚަބަރުތައް ބުނާގޮތުން ސުއޭސް ކެނަލް އޮޕަރޭޓްކުރާ ފަރާތްތަކާއި ގުޅިގެން މި ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރިއަށްދިޔަނަމަވެސް، މިދިޔަ ހަތަރުވަރަކަށް ދުވަހު ކުރި މަސައްކަތުންވެސް މިބޯޓު ފުން ކުރެވޭ ގޮތެއް ނުވެއެވެ. އޮފިޝަލުން ބުނާގޮތުން ބޯޓު ފުންކުރުމަށް އެތައް ހާސް ކޮޑި މީޓަރެއްގެ ވެލި ނަގަންޖެހޭއިރު، އެމަސައްކަތަށް އިތުރު އުޅަނދުތައް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ބޯޓު ފުންކުރުމުގެ މަސައްކަތަށް ބައިނަލްއަޤްވާމީ މުޖްތަމަޢުއިންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި، އެގޮތުން ބޯޓު ފުންކުރުމުގެ މަސައްކަތަށް އެހީވުމަށް އާދީއްތަދުވަހު އެމެރިކާއިންވެސް ޓީމެއް ފޮނުވަން ހަމަޖެހިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބެލުމަށްފަހު ބޯޓު ފުންކުރަން އިތުރު ދެތިން ދުވަސް ނަގާނެކަމަށް ސުއޭޒް ކެނަލް އޮޕަރޭޓްކުރާ އޮތޯރިޓީގެ އޮފިޝަލުން ބުނެއެވެ. މީގެކުރިންވެސް ބައެއް ބޯޓުތައް ސުއޭސް ކެނަލްއަށް ބީހިފައިވީނަމަވެސް، މިއީ ސުއޭޒް ކެނަލްގެ 150 އަހަރުވީ ދިގު ތާރީހުގައި ދިމާވި މިފަދަ އެންމެ ބޮޑު ހާދިސާއެވެ.

އަންގާރަދުވަހުން ފެށިގެން ސުއޭޒް ކެނަލް ބަންދުވުމާއި ގުޅިގެން، އެސަރަޙައްދުގައި މިހާރުވެސް 200 އަށްވުރެ ގިނަ ބޯޓު ކިޔުޖެހިފައި އެބައޮތްކަމަށް ޚަބަރުތައް ބުނެއެވެ.

ބައިނަލްއަޤްވާމީ ވިޔާފާރީގައި މުހިއްމު ދައުރެއް އަދާކުރާ ސުއޭޒް ކެނަލްގެ ސަބަބުން އޭޝިޔާއާއި ޔޫރަޕާއި ދެމެދު ކުރާ ކަނޑުދަތުރުތަކުގެ ދިގުމިން ވަރަށް ބޮޑަށް ކުރުކޮށްދެއެވެ. ރަތް ކަނޑާއި މެޑިޓެރޭނިއަން ކަނޑު ގުޅުވައިދޭ 120 މޭލުގެ މި ކެނަލްއިން ދަތުރުކުރުމުން، ދަތުރުގެ ދިގުމިނުން 15 ދުވަސް މަދުވެގެންދެއެވެ. މި ކެނަލް ނެތްނަމަ ދުނިޔޭގެ އިރުމަތިން، ހުޅަނގު ޤައުމުތަކަށް ދަތުރުކުރާ ބޯޓުތަކަށް ޖެހޭނީ ދެކުނު އެޓްލާންޓިކް ކަނޑުން އެފްރިކާ ބައްރު ހުރަސްކުރުމަށްފަހު ޔޫރަޕަށް ދަތުރުކުރާށެވެ.

ސުއޭޒް ކެނަލްގެ ސަބަބުން ދަތުރުތަކުގެ ދިގުމިން ކުރުކޮށްދޭއިރު، އިންޓަނޭޝަނަލް މެރިޓައިމް ޓްރޭޑް ޓްރެވަލްގެ 10 އިންސައްތަ ދަތުރުކުރަނީ މި ކެނަލްއިންނެވެ. އެގޮތުން އެވްރެޖްކޮށް ދުވާލަކު ފަންސާކަށް ބޯޓު މި ކެނަލް ހުރަސްކުރެއެވެ. އަދި މިއީ މިސްރުގެ އިޤްތިޞާދަށްވެސް މަންފާތަކެއް ކުރާ ކެނަލްއެކެވެ. އެގޮތުން މިދިޔަ އަހަރުވެސް ކެނަލްއިން ލިބުނު އާމްދަނީ 5 ބިލިއަން ޑޮލަރަށް އަރައެވެ.

ޚަބަރުތައް ބުނާގޮތުން ސުއޭޒް ކެނަލް ބަންދުވުމާއި ގުޅިގެން ކޮންމެ ދުވަހަކުވެސް ބައިނަލްއަޤްވާމީ ވިޔަފާރިއަށް 8 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ކުރިމަތިވާނޭކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ސުއޭޒް ކެނަލްއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައިވެސް މުހިއްމު ދައުރެއް އަދާކުރާ ކެނަލްއަކަށްވާއިރު، ދުނިޔޭގެ އެއް ސަރަހައްދުން އަނެއް ސަރަޙައްދަށް އުފުލާ ތެލުގެ 5 އިންސައްތަ ދަތުރުކުރަނީ މި ކެނަލްއިންނެވެ. އެހެންކަމުން ކެނަލް ބަންދުވުމާއި ގުޅިގެން ތެލުގެ އަގަށްވެސް ކޮންމެވެސް އަސަރެއް ކުރިއެވެ. ނަމަވެސް މިދުވަސްކޮޅު ތެލުގެ ޑިމާންޑް އެހާ މަތިނުވުމުން، ތެލުގެ އަގަށްކުރި އަސަރު ކުޑަކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޚަބަރުތައް ބުނާގޮތުން ކެނަލް ބަންދުވުމުގެ ސަބަބުން ބައެއް ޝިޕިންގ ކުންފުނިތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތްކުރާއިރު، ބީހިފައި އޮތް އެވަރގިވަން ބޯޓަކީވެސް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރުގެ ކަވަރޭޖް ނަގާނެ ބޯޓެކެވެ.

ސުއޭޒް ކެނަލް މިވަގުތަށް ބަންދުވުމާއި ގުޅިގެން ބައެއް ކުންފުނިތަކުން ދަނީ ބޯޓުތަކުގެ ދަތުރުކުރާ މަގު ބަދަލުކުރުމަށް ވިސްނަމުންނެވެ. އެގޮތުން ބައެއް ބޯޓުތަކުން ވަނީ އެޓްލާންޓިކް ކަނޑުން އެފްރިކާ ބައްރު ހުރަސްކޮށް ޔޫރަޕަށާއި އެމެރިކާ ސަރަޙައްދަށް ދަތުރު ފަށާފައެވެ. މީގެ ސަބަބުން ދަތުރުތަކުގެ ދިގުމިނަށް 6000 މޭލު އިތުރުވެ، 3 ލައްކައެއްހާ ޑޮލަރު ތެލަށް ޚަރަދުވާނެއެވެ.